މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުން ތަކުގެ ތެރެއިން ތިން ފަނޑިޔާރުންގެ އޯޑިއޯއެއް ލީކުވި މައްސަލާގައި އަދިވެސް ވާނުވާ ނޭނގޭ ކަމަށާއި، އެހެންކަމުން މިއީ ސަރުކާރުގެ އެންމެ މަތިން ރާވައިގެން، ޔާމީން ސިޔާސީ މައިދާނުން އެކަހެރިކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލީކުވި އޯޑިއޯގެ މައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާ އެކު މިއަދު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، މިއީ މި މައްސަލާގައި ފުލުހުން ކުރާ ތަހުގީގު ކުރިއަށް ދާގޮތް އޮޅުންފިލުއްވުމަށް ބައްދަލުކުރި ތިންވަނަ ފަހަރު ކަމަށެވެ.

އަދުރޭ ވިދާޅުވީ، ފުލުހުންނާ ބައްދަލުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްބޭފުޅުން ނިންމެވީ، އޯޑިއޯގެ ތަހުގީގުގައި ޝައްކުކުރެވޭ ބައިވަރު ކަންތައްތައް ހުރުމުން ކަމަށެވެ. އެގޮތުން އަދުރޭ ފާޙަގަކުރެއްވި ބައެއް ނުކުތާތަކަކީ ފަނޑިޔާރުންގެ އޯޑިއޯ ލީކުވިތާ ދެ ގަޑިއިރުގެ ތެރޭ އެ އޯޑިއޯއަކީ އަސްލެއް ނޫން ކަމަށް ޖޭއެސްސީން ބުނުމާއި އޭގެ ފަހުން އެ އޯޑިއޯ ތަހުލީލު ކުރުމަށް ފުލުހުންނަށް ހުށަހަޅައިގެން ގިނަ ދުވަސްވަންދެން ތަހުލީލު ކުރުމަށް ފަހު، މިމަހުގެ ފުރަތަމަ ދުވަހު ފުލުހުން ފޮނުވި ރިޕޯޓާ ހަވާލާދީ ފަނޑިޔާރު ފާއިޒްގެ އަޑާ ދިމާވާ ކަމަށް ބުނެ ބަޔާނެއް ނެރުމެވެ. ޢަދި މެލޭޝިއާއަށް އޯޑިއޯ ފޮނުވައިގެން ކުރި ތަހުލީލުން އޯޑިއޯ ސައްހަނޫން ކަމަށް ދެއްކުމާއި އެކަމާ ގުޅޭ ތަފްސީލު އޭސީސީން ހާމަކުރާނެ ކަމަށް ބުނެ، ފުލުހުން އެކަމުގެ ތަފްސީލު ނުދިނުން ހިމެމެވެ.

އެހެންވެ، މި މައްސަލައިގެ ވާނުވާ ނޭނގޭ ކަމަށާއި، ޝައްކު އުފެދޭ ކަންތައްތައް ބައިވަރު ހުރިކަން ފާހަގަ ކުރައްވައި، އަދުރޭ ވިދާޅުވީ، ފުލުހުންނާއި އިދިކޮޅު ކޯލިޝަނުން ބައްދަލުކުރީ އެ ކަންބޮޑުވުންތައް ހިއްސާކޮށް މައުލޫމާތު އޮޅުންފިލުވުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ހަމަ މިއީ ވަރަށް ބޮޑަށް ރާވައިގެން ސަރުކާރުން (ރައީސް) އިބްރާހީމް މުހައްމަދު ސޯލިހާ ހަމައިން ހިންގަމުން ގެންދާ ޖަރީމާއެއްގެ ގޮތުގައި." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އޯޑިއޯގެ މައްސަލައަކީ ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތަ ނުދިނުމުގެ ގޮތުން އަދި ޔާމީނަށް އަނިޔާ ދިނުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަކުރައްވާފައެވެ.

މިކަމުގައި އަދުރޭ އެންމެ ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ އަންނަ އަންގާރަ ދުވަހު ޔާމީނަށް ހުކުމް ކުރުމުގެ ކުރިން އޯޑިއޯއާ ގުޅޭ ބަހެއް ނުލިބިދާނެތީއެވެ. އަދުރޭ ވިދާޅުވީ، އެ މައްސަލަ ނިމިގެންދާ ގޮތުން ޔާމީނަށް ކޮންމެ ފަދަ އަނިޔާއެއްވެސް ލިބިދާނެ ކަމަށާއި، އެ މައްސަލާގައި އިންސާފު ކަށަވަރު ވެގެން ދާނީ އޯޑިއޯގެ ސައްހަ މައުލޫމާތު އާންމުކުރެވިގެން ކަމަށެވެ.

އޯޑިއޯ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގާފައި ނުވާކަމަށް ވިދާޅުވެ، އަދުރޭ ވަނީ، މި މައްސަލަ އޮއްބާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ފުލުހުންނަށް ކުރައްވާފައެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ދެ މަސް ދުވަހަށް މަގާމުން ސަސްޕެންޑު ކޮށްފައި ވާއިރު، ދެން އެ މައްސަލާގައި ހިމެނޭ ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާ، ލީކް ވި އޯޑިއޯއާ ދިމާނުވާކަމަށް ޖޭއެސްސީން ވަނީ މިމަހު ކުރީކޮޅު ބުނެފައެވެ

ފުލުހުންގެ ތަހުގީގަށް ބިނާކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި އޭރު ބުނީ، އެ ތިން ފަނޑިޔާރުންގެ އޯޑިއޯއަކީ ޓެމްޕާ ކޮށްފައިވާ އޯޑިއޯތަކެއް ކަމަށާއި، ގާޒީ ފާއިޒުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯވެސް އޮތީ ޓެމްޕާ ކޮށްފައި ކަމަށްވީ ނަމަވެސް، އޭނާގެ އަޑު ދިމާވާ ކަމަށް ފުލުހުން ކުރި ތަހުގީގަށް ހާމަވި ކަމަށެވެ.