އުފަންވީން ސުރެ ސިކުނޑީގައި ފެނަށް ވުރެ ލޭ ގިނަ ވުމުގެ ސަބަބުން ބޯ އާދަޔާ ހިލާފަށް ބޮޑުވަމުން އަންނަ ޔޫސުފް ހާމިދު މުހައްމަދަކީ "ކޮންޖެނިޓަލް ހައިޑްރޯސިފަލުސް" ތަހައްމަލް ކުރަމުން އަންނަ ކުއްޖެކެވެ. އުފަންވާ ކޮންމެ 90،000 ކުއްޖަކުން އެއް ކުއްޖަކަށް ދިމާވުމުގެ ފުރުސަތު އޮންނަ މި ބައްޔަކީ، ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ސިކުނޑީގައި މާ ގިނައިން ފެން ހެދި ކުއްޖާގެ ބޯ އާދަޔާ ހިލާފަށް ބޮޑުވާ ބައްޔެކެވެ.

ރާއްޖޭގައި މަދުން ނަމަވެސް މި ކަހަލަ ކޭސްތައް ފެންނަމުން ދެއެވެ. އެގޮތުން ދުވާފަރަށް އުފަން އާއިޝަތު އާޝިދާ އާއި ޅ. ނައިފަރަށް އުފަން ހާމިދު މުހައްމަދުގެ ދެވަނަ ދަރިފުޅު އުފަން ވީ ފަހުން ހެދި ޓެސްޓުތަކަށް ފަހު އެ ކުއްޖާއަކީ "ކޮންޖެނިޓަލް ހައިޑްރޯސިފަލުސް" ހުރި ކުއްޖެއް ކަން އެނގުނު ހިސާބުން އެ ދެމަފިރިންގެ ހަޔާތް ފުން އަނދަވަޅަކަށް ވެއްޓިގެން ދިޔައެވެ.

މިހާރު ޔޫސުފް މި ބަލީގައި ފަރުވާ ހޯދަމުން އަންނަތާ އެއް އަހަރާ ހަތަރުމަސް ވެފައިވާ އިރު، އެ ދަތުރުގައި ހާމިދުގެ އާއިލާއަށް ދިމާވި ގޮންޖެހުންތައް ކިތަންމެހާވެސް ގިނައެވެ. ބޭސްފަރުވާއަށް ގިނަ ވަގުތުތަކެއް ހޭދަވެ މުޅި އަތްމަތި ހުސްކޮށްލަން ހާމިދަށް މަޖުބޫރު ވިއެވެ. ރާއްޖެއިން ގިނަ އޮޕަރޭޝަންތަކެއް ކުރުމަށް ފަހު ދާދި ފަހުން ޔޫސުފް ވަނީ އިންޑިއާގައި ހުންނަ އާސަންދަ ހިދުމަތް ލިބޭ އމްރިތާ ހޮސްޕިޓަލުން ވެސް ސާޖަރީއެއް ކޮށްފައެވެ.

ޔޫސުފް ހާމީދު މުހައްމަދު އޭޑީކޭ އިން ފަރުވާ ހޯދި ކަމުގެ ލިޔެކިޔުމެއް

އެއް އަހަރާ ހަތަރު މަހުގެ އަނދިރި ދުވަސްތަކުގެ ވާހަކަތައް 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ހާމިދު ބުނީ، މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަން އެންމެ ނުރައްކާ ފައްތަރެއްގައި އޮތް ދުވަސްވަރަކީ އާޝިދާ، ޔޫސުފަށް ބަލިވެއިން ދުވަސްވަރު ކަމަށެވެ. އެގޮތުން ބަނޑަށް ފަސް މަހުގައި ފެންދުލި ފަޅައިގެން ގޮސް އުނގޫފާރު ހޮސްޕިޓަލުގައި އޭނާ ބާއްވައިގެން ފަރުވާ ދިން ކަމަށް ހާމިދު ބުނެއެވެ. އެއަށް ފަހު އެމަޖެންސީގައި މާލެއަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ އިރުވެސް ކުއްޖާގެ އެއްވެސް މައްސަލައެއް ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ނުވާ ކަމަށް ހާމިދު ބުނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، އާޝިދާގެ ބަނޑަށް ހަތް މަހުގައި އެމަޖެންސީކޮށް ސިޒޭރިއަންއެއް ހަދައި ޔޫސުފް ނެގި އިރު ޑޮކްޓަރުންގެ އަތުން އެ ކުއްޖާގެ ބޮލުން ތަންކޮޅެއް ކަފައިގެން ދިޔަ ކަަމަށް ހާމިދު ބުނެއެވެ. އެއަށް ފަހު ކުއްޖާ އެންއައިސީޔޫގައި އެތައް ދުވަހަކު ބޭއްވި ކަމަށާއި އަދި ހެދި ޓެސްޓުތަކުން އެ ކުއްޖާގެ ބޮލުގައި ފެން ހެދެމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހާމިދު ބުނެއެވެ. ނަމަވެސް އެއީ ސިޒޭރިއަން ހެދި އިރު ބޮލުން ކަފައިގެން ދިޔަ ތަންކޮޅާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ހާމިދު ބުނެއެވެ.

އަދި ކުއްޖާގެ ބަލި ދެނެގަނެވުމުން ކުއްޖާ އަށް މަހެއް ވުމާ ގާތްވެފައި ވަނިކޮށް އޭޑީކޭއަށް ބަދަލުކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަލީ ނިޔާފް އެ ކުއްޖާގެ ބޮލުގެ ފުރަތަމަ ސާޖަރީ ހެދީ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅުގައި ކަމަށް އާއިލާއިން ބުނެއެވެ. އެއަށް ފަހު އަނެއްކާ ވެސް ޔޫސުފް ބޭއްވީ އެންއައިސީއޔޫ ގައެވެ. ދެމަހެއްހާ ދުވަސް ފަހުން ޔޫސުފް ގެއަށް ދޫކޮށްލި ނަމަވެސް މި ދަތުރުގެ ބުރަ އަދި އެހާމެ ހިތްދަތި ދުވަސްތަކާ އެ ކުޑަ އާއިލާއަށް ކުރިމަތިލާން ޖެހުނެވެ.

ޔޫސުފް ހާމީދު މުހައްމަދު

އަނެއްކާވެސް ޔޫސުފް ޑޮކްޓަރަށް ދައްކަން ޖެހުނެވެ. އެގޮތުން އެ ތުއްތު ކުއްޖާއަށް ފަސް މަހުގައި ދެވަނަ އޮޕަރޭޝަން ކުރަން ޖެހުނެވެ. އޭގެ ފަހުން މިދިޔަ ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި ޔޫސުފްގެ އިތުރު ހަތަރު އޮޕަރޭޝަނެއް އޭޑީކޭގައި ކުރި ކަމަށް އާއިލާއިން ބުނެއެވެ. އެއާއެކު އޭޑީކޭ ހޮސްޕިޓަލުން ޑރ. ނިޔާފް ވަނީ ޔޫސުފްގެ 6 އޮޕަރޭޝަނެއް ކޮށްފައެވެ.

މި އަހަރު މެދަކާ ހަމައަށް އައި އިރު ޔޫސުފްގެ މަންމަ މާ ބޮޑަށް ބަލިވެ ޑޮކްޓަރަށް ދައްކަން ޖެހުނެވެ. ރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔަކަށް އާޝިދާ ފަރުވާ ކުރަން ޖެހުމުން، އާސަންދައިގެ ދަށުން ފަރުވާ ހޯދުމަށް އިންޑިއާ އަށް އެ އާއިލާ ފުރީ މިދިޔަ ސެޕްޓެމްބަރު މަހު ކުރީ ކޮޅެވެ. އިންޑިއާގައި އެމީހުން ތިއްބާ ޔޫސުފް އޮޕަރޭޝަން ކުރި ތަން ގޯސްވެ، ދޮސްލާން ފެށުމުން ހާމިދަށް ޖެހުނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ޔޫސުފް ދައްކާށެވެ. ވަރަށް ބޮޑަށް އިންފެކްޝަން ވެފައި ހުރި ކަމަށް އެ ހޮސްޕިޓަލުން ބުނެ ޔޫސުފްގެ ހަތް ވަނަ ސާޖަރީ އަމްރިތާ ހޮސްޕިޓަލުން ކުރީ ރާއްޖެއިން އާސަންދަ ވެސް އެކަމަށް ހަމަޖެހިގެންނެވެ.

އެ އޮޕަރޭޝަނަށް ފަހު މަހަކަށް ވުރެ ގިނަ ދުވަހު އެ އާއިލާ އިންޑިއާގައި މަޑުކުރީ ޔޫސުފްގެ ޓެސްޓުތަކުގެ ނަތީޖާތައް ލިބެން ދެން، އަދި އަމްރިތާގެ ޑޮކްޓަރުން ރާއްޖެއަށް ދިއުން މަނާ ކުރުމުންނެވެ. ނަމަވެސް އެ ދުވަސް ވަރު އެކޮޅުގައި މަޑުކުރަން ހާމިދަށް ދަތިވިއެވެ. އިންޑިއާއަށް ކުރި ދަތުރުގައި އެމީހުން ގެންދިޔަ މަދު ޑޮލަރު ކޮޅު އެކީ ހެން އޭރު ވަނީ ހުސްވާން ގާތްވެފައެވެ. އަތުގައި އޮތް އެންމެ ފަހު 200 ޑޮލަރު އޭނާ މާރު ކޮށްލި އިރު މާ ގިނަ ދުވަހު އެކޮޅުގައި މަޑު ނުކުރެވޭނެ ކަން ހާމިދަށް އެނގުނެވެ.

ޔޫސުފް ހާމިދު މުހައްމަދަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ބައެއް ލިޔެކިއުންތައް

އެހިސާބުން އޭނާގެ ހާލަތު ހުރި ގޮތް ޑޮކްޓަރުންނާ ހިއްސާ ކުރަން މަޖުބޫރު ވިއެވެ. ފައިސާގެ ދަތިކަމެއް ހުރުމުން އެހާ ދުވަހު ހުރެވެން ނެތް ކަމަށާއި 6 މަސް ފަހުން އާޝިދާ އިތުރު ފަރުވާއަށް އިންޑިއާށް އަންނަ އިރު ޔޫސުފް ވެސް ދައްކަން އައުމަށް މަޑުކުރެވިދާނެ ތޯ ޑޮކްޓަރުން ގާތު އެހިއެވެ. ނަމަވެސް ޑޮކްޓަރުން އެ ދުވަހު ދިނީ އެއަށް ވުރެއް ކަންބޮޑުވާ ހަބަރެއް ކަމަށް ހާމިދު ބުނެއެވެ.

ޑޮކްޓަރުން ބުނީ، އެންމެ ގިނަވެގެން 3 މަސް ދުވަސް ތެރޭ ޔޫސުފް ދައްކަން އަންނަން ޖެހޭނެ ކަމަށެވެ. ޔޫސުފްގެ ބޮލަށް ލައްވާފައިވާ ސްޓަންޓެން، ނަގަން ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށާއި ނޫނީ އޭގެ ސަބަބުން އިންފެކްޝަންވެ ޔޫސުފްގެ ފުރާނަަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޑިއާގައި ތިބި ޑޮކްޓަރުންނާ ހަވާލާދީ ހާމިދު ބުނެއެވެ. އެހެންކަމުން ޑޮކްޓަރުން އެބުނާ އޮޕަރޭޝަން އަކީ ޔޫސުފްގެ 8 ވަނަ އޮޕަރޭޝަނެވެ. އެ އޮޕަރޭޝަން ކުރަން ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެ އާއިލާ ދާން ޖެހޭނެއެވެ. އެހެންކަމުން އެ އާއިލާ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި މާލެއަށް އައިސްފައެވެ.

އުފަންވީން ސުރެ ޔޫސުފްގެ ބަލި ހާލަތު ހުރި ގޮތުން އުޅެން ޖެހިފައިވާ ގޮތުން ހާމިދަށް ވަޒީފާއަށް ނުދެވޭތާ މީހަރު ދުވަސްތަކެއް ވެއްޖެއެވެ. އާމްދަނީއެއް ނުލިބި ހުންނަން ޖެހުމުން މި ވަގުތު މާލީ ގޮތުން އެ އާއިލާއަށް އަންނަނީ އެތައް އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. ޔޫސުފްގެ ބޭސްފަރުވާ އަށް މާލޭގައި މަޑުކުރުމަށް ވެސް ހޭދަތަކެއް ކުރަންޖެހޭ އިރު، ކައިބޮއެ އުޅެވޭނެހާ މާލީ ތަނަވަސް ކަމެއް ވެސް ހާމީދުގެ އާއިލާގައި ނެތެވެ. މިހާރު ވެސް ޔޫސުފްގެ ފަރުވާއަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންސްޕާއާއި ޒަކާތު ފަންޑް ފަދަ ތަންތަނަށް ވެސް އެހީއަށް އެދިފައި ވާނެ ކަމަށް ހާމިދު ބުނެއެވެ.

ހާމިދު މުހައްމަދާއި އާޝިދާގެ ކުޑަ އާއިލާ

ޔޫސުފްގެ މި ބައްޔަށް ފަރުވާ ހޯދުމުގައި މުޅި އުމުރު ހޭދަވަމުން ދާއިރު، މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އާއިލާއިން ފާހަގަކޮށް ޝުކުރު އަދާ ކުރެއެވެ. ފެބްރުއަރީގެ ކުރިން ޔޫސުފްގެ 8 ވަނަ ސާޖަރީ ކުރަން އެ އާއިލާ ކިތަންމެ ހާވެސް ބޭނުމެވެ. ނޫނީ އެ ތުއްތު ކުއްޖާގެ ފުރާނައަށް ނުރައްކާވޭދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާތީ، ފައިސާގެ އެހީތެރިކަން މި ވަގުތު ވަނީ ނުހަނު ބޭނުން ވެފައެވެ. ޔޫސުފަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޔޫސުފްގެ ބައްޕަ، ހާމިދު 7367630 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

އެކަންޓުން ނަން: ހާމިދު މުހައްމަދު

އެކައުންޓް ނަންބަރު (ރުފިޔާ): 7730000271943

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ ޔޫސުފް ހާމިދު މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.