އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ބަޖެޓުގެ ގޮތުގައި 36.99 ބިލިއަން ރުފިޔާ ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 73.8 މިލިއަން ރުފިޔާ އިތުރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމްލަ 57.4 މިލިއަން ރުފިޔާ އާއި، މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓާ އެއްގޮތަށް ބަޖެޓު ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ.

ބަޖެޓް ކޮމިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ފަހު، 39.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް މެންބަރުން ވަނީ އެ އަދަދު ފާސްކޮށްފައެވެ. އެހެންކަމުން މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ 34 ބިލިއަން ރުފިޔާ ކަމަށް ހުށަހެޅި ބަޖެޓުގައި ކަނޑައެޅި ނަމަވެސް މަޖިލީހުގެ ބަޖެޓަށް އިތުރުކުރި ފައިސާއާ އެކު ހަރަދުގެ ޖުމްލަ އަދަދުގެ ގޮތުގައި ފާސްކުރީ 34.10 ބިލިއަން ރުފިޔާއެވެ.