ޕްރިންސިޕަލުން ތަމްރީނު ކުރަން ސަރުކާރު ހަރަދުގައި 20 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މެލޭޝިއާއިން، މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާއިން ކިޔެވުމުގެ ފުރުސަތު 20 ފަރާތަކަށް ހުޅުވާފައިވާ ކަމަށެވެ.

މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް އިނާޔަތްތައް ހަމަޖައްސައި ދެވޭނެ ކަމަށާއި މި ގޮތުން ސްކޮލާޝިޕް ލިބޭ ފަރާތްތަކަށް ކިޔެވުމުގެ ހަަރަދާއި މުސާރައާއި އެއްވަރެއްގެ އެލަވެންސް އަދި ދެކޮޅު ޓިކެޓް ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި ވުން.
  • ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (މިމުއްދަތުގައި ލީޑިން ޓީޗަރުގެ މަސްޢޫލިއްޔަތު އަދާކޮށްފައި ވާނަމަ އެމުއްދަތު ގުނޭނެއެވެ.)
  • އެޑިއުކޭޝަން މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަގާވާފައި ވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަވަމުން ގެންދާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން.

މިނިސްޓްރީން ބުނީ ސްކޮލާޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު މެދުވެރިކޮށް އީމެއިލް ކޮށް ކަމަށެވެ. ސްކޮލާޝިޕަށް އެދި ހުށަހަޅަން ޖެހޭ ފަހު ވަގުތަކީ އަންނަ މަހުގެ 09 ވަނަ ދުވަހުގެ މެންދުރު 2:00 ކަމަށް މިނިސްޓްރީން ބުނެއެވެ.