ރަސްމީ ދަތުރެއްގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ އަށް ކުރައްވާ ދަތުރަކީ އެގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މިއީ ތިން ދުވަހުގެ ދަތުރެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި، ދެގައުމުން އިސްކަންދޭ ކަންތައްތަކާއި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އދ. އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެމެރިކާގެ ނިއުޔޯކުގައި ޝާހިދު ހުންނެވިއިރު ޝާހިދު ވަނީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެ އަށް ވަޑައިގެންފައެވެ.