ޔަމަނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ މަރުވާ މީހުންގެ އަދަދު މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 377،000 އަށް އަރާނެ ކަމަށް އދގެ ތަރައްގީއާ ބެހޭ އިދާރާ ޔޫއެންޑީޕީން ލަފާކޮށްފިއެވެ.

އަންގާރަ ދުވަހު ޔޫއެންޑީޕީން ނެރުނު ރިޕޯޓެއްގައި ބުނީ މިއީ ހަނގުރާމައިގެ ސަބަބުން ސީދާ ގޮތުންނާ ނުސީދާ ގޮތުން މަރުވާ މީހުން ހިމަނައިގެން އަންދާޒާކޮށްފައިވާ އަދަދެއް ކަމަށެވެ. މިގޮތުން، ހަނގުރާމައިގައި ސީދާގޮތުން މަރުވާނެ ކަމަށް ބެލެވޭ މީހުން އަދަދު 40 ޕަސަންޓްގައި ހުރި އިރު 60 ޕަސަންޓް މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވަނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނުސީދާ ސަބަބުތަކާ ހުރެއެވެ. މީގެ ތެރޭގައި ބަނޑުހައިހޫނު ކަމާއި ބަލިމަޑުކަން ހިމެނެއެވެ.

އެރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މަރުވާނެ ކަމަށް ލަފާކޮށްފައިވާ މީހުންގެ 70 އިންސައްތަ އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޔޫއެންޑީޕީގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ 2030 ވަނަ އަހަރާ ހަމައަށް ޔަމަނުގެ ހަނގުރާމައިގައި 1.3 މިލިއަން މީހުންގެ ފުރާނަ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ދާހިލީ ހަނގުރާމައެއް ހިނގަމުން އަންނަ ޔަމަނަކީ މިވަގުތު ދުނިޔޭގައި އޮތް އިންސާނީ އެހީގެ އެންމެ ބޮޑު ކާރިސާ ކަމަށް އދން ސިފަކުރެއެވެ.

ޔަމަނުގެ ހޫސީ ހަނގުރާމަވެރިން އެގައުމުގެ ވެރިކަން ވައްޓާލުމާ ގުޅިގެން ހޫނުވި ހަނގުރާމަ އަދި ވެސް ވަކިކޮޅެއްގައި ނުޖެހި ކުރިއަށްދާ އިރު މިހަނގުރާމައިގައި އެގައުމުގެ އެތަށް ހާސް ބަޔަކު މަރުވެ އެތަށް ބަޔަކު ބަނޑުހައިހޫނު ކަމަށް ވެއްޓިފައިވާ އިރު ޔަމަނު މިހާރު އޮތީ މުޅިހެން ސުންނާފަތިވެފައެވެ.