ޔޫރަޕް ބައްރުގައި ކޮވިޑް-19ގެ ހާލަތު އަދި ވެސް ވަރަށް ގޯސް ކަމަށާ އަންނަ މާޗް މަހުގެ ކުރިން އެބަލީގައި އެބައްރުން މަރުވާ މީހުންގެ އަދަދު 2 މިލިއަން އަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

އަންގާރަ ދުވަހު އެޖަމާއަތުން ބުނީ ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ބަލި ފެތުރުމެންދާ އިރު މި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅާނަމަ ނަތީޖާ ހިތިވާނެ ކަމަށެވެ. މިގޮތުން ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި 700،000 މީހުން މިބަލީގައި އެބައްރުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމާއަތުން ބުނީ މިހާރުން ފެށިގެން މާޗް 2022 އާ ހަމައަށް ޔޫރަޕްގެ 53 ގައުމުގެ ތެރެއިން 49 ގައުމެއްގެ އައިސީޔޫތަކަށް ވަރަށް ބާރުބޮޑުވާނެ ކަމަށެވެ.

އެޖަމާއަތުގެ ތަފާސުހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގައި ހިމެނޭ 53 ގައުމެއްގައި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް 4،200 މީހުން ވަނީ މަރުވެފައެވެ. އަދި ސެޕްޓެމްބަރު މަހު މިއަދަދު އުޅުނީ ދުވާލެއްގެ މައްޗަށް 2،100 ގައެވެ.

ކޮވިޑް ޖެހިގެން ޖުމްލަ 1.5 މިލިއަން މީހުން ޔޫރަޕުން ވަނީ މަރުވެފައެވެ.

ޔޫރަޕްގައި ކޮވިޑް އަނެއްކާވެސް ފެތުރެން ފެށީ ބައެއް ގައުމުތަކުގައި ވެކްސިން ޖެހުމަށް އިސްކަން ނުދިނުމާއި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ އިތުރުން މާ ފަސޭހައިން ގައިން ގަޔަށް އަރާ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެއް އެބައްރުގައި ފެތުރެން ފެށުމުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.