އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ޑޯނިއޯ މަތިންދާ ބޯޓު ދުއްވާ އެމްއެންޑީއެފްގެ ޕައިލެޓުނަށް "ބޮނޑިބަތް ފަރިވަޅަކުން" ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ މުއައްސަސާގެ އެއާވިންގުގެ ޕައިލެޓުންނަށް އެމްއެންޑީއެފް ނޮދަން އޭރިޔާ، ހދ. ހަނިމާދޫ ޕޯސްޓްގެ ސިފައިން ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށެވެ.
ބޮނޑިބަތް ފަރިވަޅަކުން އެ ޕައިލެޓުންނަށް މަރުހަބާ ކިޔާފައި ވާއިރު އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޮޑު ދޮލަނގެއްގައި ރަތް، ފެހި އަދި ރީނދޫކުލައިން ހަދާފައިވާ ފަރިވަޅެއް ފެނެއެވެ.
ޑޯނިއާ ދުއްވުމަށް އެމްއެންޑީއެފްގެ ތިން ޕައިލެޓުން ތަމްރީނު ކޮށްފައި ވާއިރު އޭގެ ތެރެއިން ދެ ޕައިލެޓަކު ދާދި ފަހުން ވަނީ ޑޯނިއާއަށް އަރުވާފައެވެ. އެ 2 ޕައިލެޓުން ޑޯނިއާައަށް އެރުވި ނަމަވެސް އެ ބޯޓު ސްޓޭޝަން ވެފައި އޮންނަ ހަނިމާދުއަށް ޕައިލެޓުން ނުގެންދާ ވާހަކަ ދައްކަނިކޮށް ޕައިލެޓުން ހަނިމާދޫގައި މިހާރުވަނީ ސްޓޭޝަން ކޮށްފައެވެ.
ތަމްރީން ހެދި ސިފައިންގެ 3 ޕައިލެޓުންނަށް ޑޯނިއާއަށް މި އެރުނީ ތަމްރީނު ހަދާ އުދުހެން ދީފައި އޮތް މުއްދަތު ހަމަވާން ކައިރިވި އިރުވެސް ޑޯނިއާއަށް އަރުވާފައި ނުވާތީ އެކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.
މި މައްސަލަ ބޮޑުވެފައި އޮއްވާ 3 ސިފައިން އިތުރު ޓްރޭނިންން އަށް އިންޑިއާއަށް ވެސް ފޮނުވިއެވެ. އެ ޓްރޭނިން ކޯސް ނިމި މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ވަނީ ބައިވެރިންނަށް ސެޓްފިކެޓުވެސް ދީފައެވެ. އޭގެ ފަހުން 3 މަހާއި ގާތްވެފައި ވާއިރު ޑޯނިއާ ދުއްވަން އަރުވާފައި ނުވާތީ އާއި އެމީހުން ފްލައި ކުރަން އަރަން ޖެހޭ މުއްދަތު ހަމަވާން ގާތްވެފައި ވުމާއެކު، އޭގެ ތެރެއިން އެއް ޕައިލެޓަކު ވަނީ މަންތާ އެއާއާ ގުޅިފައެވެ. އަނެއް 2 މީހުންނަށް އުދުހުމުގެ ފުރުސަތު މިލިބުނީ ވަޒީފާއިން ވަކިވުމަށް ތައްޔާރުވަމުން ދަނިކޮށްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.
ރާއްޖެއަށް އިންޑިއާއިން ދީފައިވާ ޑޯނިއާ-288 މަރުކާގެ މަތިންދާބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރާ ޑްރަގްސް އާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރާ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖޭގައި ދުއްވާ ޑޯނިއާ ފްލައިޓް މީގެކުރިން އޮޕަރޭޓް ކުރަނީ އިންޑިއާއިންނެވެ.
އަދިވެސް ހިޔަޅުންގެ ހިޔަޅު ކަމެއް ނުކެނޑޭ ދޯ.