ބައިނަލްއަގްވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެ ކުރުމަށް ބޯޓެއް ގަންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ސޮއި ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑުއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑުއަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑުއަށް ގެންދިއުމަށް ބޭނުން ކުރާނެ އުޅަނދެއް ކަމަށެވެ.

އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. މީގެ ތެރޭގައި 20 ރީފާ ކޮންޓެއިނާ ހިމެނޭ އިރު، މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށް ވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ

މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެން ދާނެއެވެ.

އެސްޓީއޯ އިން ބުނީ، މި ބޯޓް ރާއްޖެ ގެނެސް އިދާރީ އެންމެހާ ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެއިން ހިތަދޫއިން ކޫއްޑޫއިން މާލެ އަށެވެ.

2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް މިއީ ގަންނަ ފަސް ވަނަ ބޯޓެވެ.