ހއ. ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯކޮއްލުމުގެ ސަބަބުން ގެއަށް ވެސް ގެއްލުންތަކެއް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް ސޮފްއަތު މުހައްމަދު ވިދާޅުވީ އެރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލާފައި ވަނީ ރޭ ދަންވަރު 2:45 އާއި 3 އާ ދެމެދު ކަމަށެވެ.

ސޮފްއަތު ވިދާޅުވީ އެކަން ކުރީ ސީދާ ކޮންބައެއް ކަމެއް ނޭނގުނަސް ގަބޫލުކުރެވެނީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އަދި ރޯ ކޮށްލުމަށް ފަހު އެބަޔަކު ނިކުމެފައި ހުރީ މަގުމައްޗަށް ހުންނަ ދޮރުން ކަމަށާއި އެ ދޮރު ހުރީ ނުވެސް ލައްޕާ ކަމަށެވެ.

ރޭ ބަޔަކު ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ރޯ ކޮށްލުމުން އެ ގޭގެ ކުޑަ ދޮރަށް ލިބުނު ގެއްލުން

ސައިކަލު ހުރީ ގޯތި ތެރޭގައި ކަމަށާއި ރޯ ކޮށްލުމުން ގޭގެ ކުޑަދޮރުގެ ބިއްލޫރިތައް ތެޅި ކުޑަ ދޮރަށް ގެއްލުންވެފައި ވާއިރު އެ ގޭތެރޭގައި ބަޔަކަށް ނޫޅެވޭ ވަރަށް ދުންވަސް ހިފާފައިވާ ކަމަށް ސޮއްފަތު ވަނީ ވިދާޅުވެފައެވެ.

ސޮއްފަތު އިތުރަށް ވިދާޅުވީ އެކަހަލަ ކަމެއް ހިނގާފާނެ ކަމަށް ޝައްކުކުރެވިފައި ނުވާ ކަމަށާއި އަދި ޕްރިންސިޕަލް އަށް ވެސް އެފަދަ އިންޒާރެއް ބަޔަކު ދީފައިނުވާ ކަމަށެވެ.