ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބާރަށަށް ވުރެ "ފައްކާ" ރަށެއް އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހއ. ބާރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އާރްޓީއެލް ހިދުމަތާއެކު މުޅި ބޮޑު ތިލަދުންމަތި އެކީގައި ގުޅުމުން ކޮންމެ ރަށަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ބާރަށަކީ ހަނިމާދޫގައި ވަރަށް ކައިރީގައި އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ ބާރަށަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށާއި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ވިސްނަވާ، ތައްޔާރުވެތިބުމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި ސިޔާސަތުގެ ތެރޭގައި ގެސްޓް ހައުސް އަޅަން ވަކިން ފަންޑެއް ހުޅުވާ، އެ ފަންޑުން ލުއި ލޯން ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ބާރަށުގައި ބައެއް މައްސަލަތައް އެބަހުރި ކަމަށާއި އެންމެ ބޮޑު އެއް މައްސަލައަކަށް ދިމާވެފައި އޮތީ ކުރީ ސަރުކާރުން އެ ރަށުގައި އަޅަން ފެށި ނަރުދަމާގެ ނިޒާމު ނުނިމުނު މައްސަލަ ކަމަށެވެ. އަދި މީގެ ރަށްތަކެއް މި ވެރިކަމަށް އައުމާއެކު ފާހަގަވެވަޑައިގެންނެވި ކަމަށާއި ބާރަށު އެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތް ކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ބާރަށުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި މިހާރުވެސް ފެނުގެ ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މި ދައުރު ނިމެންވާއިރަށް ބާރަށުގެ ހުރިހާ ގެއަކަށް ފެނުގެ ހިދުމަތް ލިބި ސާފު ބޯފެން ލިބޭނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވެފައިވާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި ފުޓްސަލް ދަނޑާއި އައުޓް ޑޯ ޖިމާއި އޭޓީއެމްގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ބާރަށުގެ ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއްވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބާރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސްކޫލުގެ އޮފީސް އިމާރާތް ކޮށްދިނުން މިއަދު އެދިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކުރިއަތް ދައުރުގެ ކުރީ ކޮޅު އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުތައް ހެދުން އޮންނާނެ ކަމަށާއި އެގޮތުން ބާރަށުގެ ރިންގް ރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ކުރިއަށް އޮތް ދައުރުގައި ހަދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.