ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރުމާ ގުޅޭ ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ހއ. ބާރަށުގައި ޖެއްސެވި ކަޑައިގައި ފަޅާ ހެދުނު ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލް މެންބަރު ސަމީހާ މޫސާ ވިދާޅުވީ ކާނި ގަހުގައި ރޯކޮށްލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.

ކާނި ގަހުގެ ބޮޑު ބަޔެއް އަނދާފައިވާ ކަމަށާއި މިހާރު ގަހުގެ ބޮޑު ބަޔެއް ވެއްޓިފައިވާ ކަމަށް ސަމީހާ ވިދާޅުވިއެވެ. ސާމިހާ ވިދާޅުވި ގޮތުގައި ގަހުގެ ބޮޑު ބައި އަނދާފައިވާތީ ދެން އެ ގަސް އަލުން ރޯވެ، ހެދޭނެ ކަމުގެ އުންމީދެެއް ނެތެވެ.

ސަމީހާ ވިދާޅުވީ ކާނި ގަހުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އާންމު ރައްޔިތުންނާއި ކައުންސިލްގެ ނައިބު ރައީސް ވެސް ހަރަކާތްތެރި ވެވަޑައިގެންފައިވާ ކަމަށެވެ. އަދި ގަސް ވަރަށް ބޮޑަށް ހިކިފައި ހުރުމުގެ ސަބަބުން މިއަދު ހެނދުނު ގަހުގައި ހުޅުހިފާފައިވާ ކަމަށާއި ކައުންސިލްގެ މަސައްކަތު މީހުން ގޮސް ފެން ޖަހާ މިހާރު ނިއްވާލާފައިވާ ކަން އޭނާ ފަހަގަ ކުރެއްވިއެވެ.

ސަމީހާ އިތުރަށް ވިދާޅުވީ ގަސް ހިމާޔަތްކޮށްފައި ހުރި ނަމަވެސް ގަސް ރައްކާތެރި ކުރުމަށް މިދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ. އެގޮތުން އެންމެ ކުޑަމިނުން ގަހުގެ ވަށައިގެން ޗޭނު ފަށެއް ވެސް ދަމާލާފައި ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ރޯވެފައިވާ ކާނި ގަސް/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބާރަށުގައި ހިމާޔަތް ކޮށްފައިވާ ކާނި ގަހެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލަ ރޭ މެންދަމު 3:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ގަހަށް ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ކާނި ގަހަކީ މީލާދީން 16 ވަނަ ގަރުނުގައި ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ޖެއްސެވި ކަމަށްބުނާ ކަޑައަކުން ހެދިފައިވާ 400 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ގަހެކެވެ. މިގަހުގައި މީގެ ކުރިން ވެސް އަލިފާން ރޯކޮށްލި ހާދިސާއެއް ވަނީ ހިނގާފައެވެ.