ރައީސް އަބްދުﷲ ޔާމީން ބުދަ ދުވަހު ހއ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޕީޕީއެމްއިން ބުނީ ރައީސް ޔާމީން މިމަހުގެ 12 އިން 15 އަށް ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ދަތުރުފުޅެއްކުރެއްވުމަށް ނިންމަވާފައިވާ ކަަމށާއި އެ ދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމާއެކު ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމަކީ އެ ދަތުރުފުޅުގެ މަގުސަދެއްގެ ގޮތުގައި އެ ޕާޓީއިން ފާހަގަކުރެއެވެ.

ހއ. އަތޮޅަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެއް ކަމަށާއި އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓަކާއި ދިއްދޫގައި 27 ޕްރޮޖެކްޓެއްގެ އިތުރުން ބާރަށުގައި 17 ޕްރޮޖެކްޓެއް އަދި ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފައިވާއިރު ކެމްޕެއިނުގެ ހަރަކާތަތައް ވަނީ ފައްޓަވާފައެވެ. އެގޮތުން މިދިޔަ މަހު 29 ގައި ދ. ކުޑަހުވަދޫއަށްވެސް އެ މަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.