މޫސުން ގޯސްވެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅަށް ކުރައްވަން ނިންމެވި ދަތުރުފުޅު ފަސްކޮށްފިއެވެ.

ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޔާމީން މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ދަތުރުފުޅު ފަސްކުރެވި ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ޕީޕީއެމްއިން ބުނީ ‏މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން މިއަދުން ފެށިގެން ހޮނިހިރު ދުވަހަށް ރައީސް ޔާމީން ހއ ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށް މީގެ ކުރިން ޕީޕީއެމްއިން ބުނެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމާއެކު ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމަކީ އެ ދަތުރުފުޅުގެ މަގުސަދެއްގެ ގޮތުގައި އެ ޕާޓީއިން ފާހަގަކުރެއެވެ.

ހއ. އަތޮޅަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެއް ކަމަށާއި އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓަކާއި ދިއްދޫގައި 27 ޕްރޮޖެކްޓެއްގެ އިތުރުން ބާރަށުގައި 17 ޕްރޮޖެކްޓެއް އަދި ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފައިވާއިރު ކެމްޕެއިނުގެ ހަރަކާތަތައް ވަނީ ފައްޓަވާފައެވެ. އެގޮތުން މިދިޔަ މަހު 29 ގައި ދ. ކުޑަހުވަދޫއަށްވެސް އެ މަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.