ހއ. ބާރަށު ޖެޓީ ހަލާކުވެފައި އޮތުމުން ފާޑުވިދާޅުވެ، އެ ޖެޓީ މަރާމާތު ކޮށްދިނުމަށާއި މަސްވެރިންނަށް ހާއްސަ އިތުރު ޖެޓީއެއް ހަދައިދިނުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ބާރަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ހާއްސަ ޖެޓީއެއް ނެތް ކަމަށާއި އެ ރަށުގައި ރައީސް އަބްދުﷲ ޔާމީން ބިނާކުރެއްވި ޖެޓީވެސް ފެންނަން އޮތީ ވީރާނާވެފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ 5 އަހަރުގެ ދުވަހުގެ ވެރިކަމެއް ސަރުކާރަކުން ހޭދަކުރީ ކޮން ގޮތަކަށް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު އެ ރަށުގައި އޮތް ޖެޓީ މަރާމާތުކޮށް، މަސްވެރިންނަށް ހާއްސަ ޖެޓީއެއް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ބާރަށުގައި އިތުރު މިސްކިތެއް ބިނާނުކުރެވޭތާ 15 އަހަރު ވެފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 2000 އަށް ވުރެ ގިނަ އާބާދީއަކަށް އެއީ ވަރަށް ގިނަ ދުވަސް ކަމަށާއި އިސްލާމްދީނަކީ އެންމެ އިސްކަން ދޭން ޖެހޭ ކަންތައް ކަމަށް ވާއިރު ބާރަށުގައި ރީތި، ބޮޑު މިސްކިތެއް ބިނާކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހުރިހާ މައްސަލައެއް ހައްލުވާނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ކަމަށާއި ދިރިއުޅުމެއް ފަށަން ބޭނުންވެފައި ތިބޭ ފަރާތްތަކަށް އެ މައްސަލާގެ ސަބަބުން ނުފެށި، ތަކުލީފަކަށް ވެފައި ތިބެން ޖެހޭ ކަމަށާއި އެހެން ކަންކަން ހައްލުވާނީ ގެދޮރުވެރިކަން ހައްލުކޮށްދީގެން ކަމަށެވެ. އަދި ހައުސިން ލޯނާއި ގެދޮރު ބިނާ ކުރުމުގެ މަޝްރޫއުތައް ހިންގާ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ބާރަށުގައި އިގްތިސޯދީ ގޮތުން ކުރެވޭނެ އެންމެ ބޮޑު ކަމަކަށް އޮތީ އެ ރަށުގެ މާކޮޅު ސަރަހައްދުގައި ގުދުރަތީ ރީތިކަމާ ގުޅޭ ގޮތަށް އިކޯ ޓޫރިޒަމްއަށް ފަހިވާ ގޮތަށް ފަހި ފުރުސަތުތަކެއް ހުޅުވާލުން ކަމަށާއި އުމްރާނީ ތަރައްގީގެ އަނެއް ކަމަކީ ރަށުގެ މަގުތައް ހެދުން ކަމަށެވެ. އަދި ރަނގަޅު ޕްލޭނެއްގެ ދަށުން މަގު ހެދުމަކީ އިގްތިސާދީ ކުރިއެރުމަށް ހުޅުވާލެވިގެންދާ މަގެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ބާރަށުގެ ވަށައިގެންވާ ރިންގް ރޯޑާއި ރަށުގެ ބޮޑެތި މަގުގައި ތާރު އަޅައި މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެރަށުގެ ސިއްހީ ކަންކަން މިހާރު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަން ފާހަގަ ކުރައްވައި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަކީ ގައުމީ ވިސްނުމާއި ގައުމީ ވާޖިބު އަދާކުރުމުގައި ހުރަހަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވާ މުއިއްޒު ވަނީ މިއަދު ގައުމު ގޮސްފައިވާ ހިސާބުން ގައުމީ ފިކުރާއެކު ނުގޮސްފިނަމަ ވެދާނެ ކަންތައްތަކާމެދު ހަމަ ސީރިއަސްކޮށް ވިސްނަން ގޮވާލައްވާފައެވެ.