ފަލަސްތީނުގެ ގައްޒާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި ގަތަރުން ގައްޒާއަށް މަހަކު 10 މިލިއަން ޑޮލަރުގެ ތެޔޮ ފޮނުވަން އެއްބަސްވެފައިވާ ކަމަށް ގައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް ޖަމާއަތުން ބުނީ މިކަމުގައި ހަމާސްއާއި ގަތަރާ ދެމެދު އަދި ވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާ 10 މިލިއަން ޑޮލަރުގެ ތެޔޮ ހަމާސްއަށް ފޮނުވުމަށް ގަތަރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށެވެ.
ހަމާސް ޖަމާއަތުން ބުނީ ގަތަރުން ތެޔޮ ގަންނަން ހަމަޖެހިފައިވަނީ މިސްރުން ކަމަށާ ގައްޒާ ތެޔޮ ފޮނުވާނީ ވެސް މިސްރު މަގުން ކަމަށެވެ. އަދި މިއީ ގައްޒާގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ގޮތުން ގަތަރުން ދޭ އެހީއެއް ކަމަށް ވެސް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.
މި ގޮތުން މިހާތަނަށް ދެ ފަރާތުގެ ދެމެދު ވާހަކަ ދެކެވިފައިވަނީ ގަތަރުން ފޮނުވާ 10 މިލިއަން ޑޮލަރުގެ ތެޔޮ ގައްޒާގެ ތެޔޮ ސްޓޭޝަންތައް މެދުވެރިކޮށް ހަމާސް ޖަމާއަތުން ވިއްކާ އޭނގެ ލިބޭ ފައިސާއިން ގައްޒާގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުން ވެސް ހިމެނެއެވެ.
ހަމާސްގެ އޮފިޝަލަކު ވިދާޅުވީ، މަހަކު 10 މިލިއަން ޑޮލަރުގެ ތެޔޮ ވިއްކައިގެން ގައްޒާގައި މަސައްކަތް ކުރާ 40،000 ސިވިލް ސާވަންޓުންނަށް މަހު މުސާރަ ދެވޭނެ ކަމަށެވެ.
ހަމާސްއާއެކު މިފަދަ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަން ގަތަރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު ގަތަރުން ވަނީ ގައްޒާއަށް ތެލާއި އިމާރާތް ކުރާ ސާމާނު ފޯރުކޮށްދިނުމަށް މިސްރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން އިއުލާނުކޮށްފައެވެ.