ލިތުއޭނިއާއިން އެގައުމުގައި ޓައިވާން އެމްބަސީއެއް ގާއިމު ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން އެގައުމާއެކު ޗައިނާއިން ބާއްވާމުން އައި ޑިޕްލޮމެޓިކް ގުޅުމުގެ ދަރަޖަ ދަށްކޮށްފިއެވެ.
ލިތުއޭނިއާގެ މި ނިންމުމާ ގުޅިގެން ޗައިނާއިން މި ފިޔަވަޅު އަޅާފައި ވާއިރު ޗައިނާއިން އަބަދުވެސް ބުނަމުން ދަނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އަދި ޓައިވާނުން ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރާނަމަ އެގައުމުގެ އަސްކަރިއްޔާއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލިތުއޭނިއާއާއެކު އޮތް ގުޅުން ކަނޑާލުމަށް ބޭނުން ނުވާ ކަމަށާ ނަމަވެސް މިވަގުތައް ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ދަރަޖަ ދަށް ކުރުން ކަމަށެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ މި ނިންމުމުގެ ސަބަބުން ކުރިމަތި ވެދާނެ ދަތިކަމަކަށް ތައްޔާރުވެ ތިބުމަށް ލިތުއޭނިއާއަށް ގޮވާލާފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހީނަރުވެގެން ނުދަނީސް މި ނިންމުން އަލުން މުރާޖައާ ކުރުމަށް ވެސް ޗައިނާއިން އެގައުމަށް ގޮވާލާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ލިތުއޭނިއާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ' އަށް އެގައުމުން ވެސް އިހުތިރާމް ކުރާ ކަމަށާ، ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުމެއް ގާއިމު ކުރުމުގެ ހައްގު އެގައުމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ޗައިނާއާއެކު އޮތް ޒަމާންވީ ގުޅުމަށް ބުރޫއެރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.