ސޫދާނުގެ ސިފައިން ހިންގި އަސްކަރީ ބަޣާވާތުގައި މަގާމުން ދުރުކުރި އެގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އަލުން އަނބުރާ އެ މަގާމަށް ގެނައުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން މި ކަން ނިންމުމުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައި ވާ އުއްމާ ޕާޓީގެ ލީޑަރު ފަތުހުﷲ ބަރުމާ ވިދާޅުވެފައިވަނީ އަސްކަރިއްޔާގެ އިސްވެރިން ވަނީ ހަމްދޫކާއެކު މަޝްވަރާ ކުރައްވާފައި ކަމަށާ، މަޝްވަރާ ބައްދަލުވުން ތަކަކަށް ފަހު އޭނާ އަލުން އެ މަގާމަށް ގެނައުމަށް އަސްކަރިއްޔާ އިން ނިންމާފައިވާ ކަމަށެވެ.
މިކަން ކުރަން ނިންމާފައި ވަނީ އަސްކަރިއްޔާއަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކުގެ ސަބަބުން ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބަޣާވާތާއެކު ސޫދާންގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ ރައްޔިތުން ހުއްޓުމެއްނެތި މުޒާހަރާތައް ކުރަމުން ދާއިރު އެގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް އެކި ފަންތީގެ މީހުން ދަނީ އަޑުއުފުލަމުންނެވެ.
ބޮޑުވަޒީރުގެ މަގާމަށް ހަމްދޫކް އަލުން ވަޑައިގަތުމުގެ އިތުރުން ކެބިނެޓް ވެސް އަލުން އެކުލަވާލުމަށް ނިންމާފައި ވަނީ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން ބޭފުޅުން ހިމެނޭގޮތަށެވެ.
ސޫދާންގެ ދާހިލީ ކަންކަން ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު އެގައުމުގެ ސިފައިންނާއި އެކު ކުރެވުނު މި މަޝްވަރާތަކުގައި ނިންމާފައިވަނީ ހުރިހާ ސިޔާސީ ކުއްވެރިން ވެސް ދޫކޮށްލުމަށެވެ.
ހަމްދޫކް އަލުން އަނބުރާ ބޮޑުވަޒީރު ކަމަށް ގެނައުމަށް އަސްކަރިއްޔާއިން އެއްބަސްވެފައިވާއިރު އޭނާއާ މި މަގާމު ރަސްމީކޮށް ހަވާލުކޮށް މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.