ބަޖެޓް ސަޕޯޓަށް ފައިސާ ޗާޕު ކުރަނީ ރައްޔިތުން ބަނޑަށް ޖައްސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ފައިސާ ޗާކު ކުރަން ޖެހިފައިވާ ހާލަތާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް ދެއްކެވި ވާހަކައާ ގުޅިގެން މިއަދު މަޖިލީހުގައި ޝިޔާމް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕު ކުރުމަކީ އެނގި ތިބެ ރައްޔިތުން ބަޑަށް ޖެއްސުން ކަމަށެވެ.
ޝިޔާމް އިޝާރާތް ކުރެއްވީ ފައިސާ ޗާޕް ކުރަން ޖެހިފައި ވާ ހާލަތަކީ، ފައިސާ ޗާޕް ނުކޮށްފި ނަމަ ވެސް ނުވަތަ ކޮށްފި ނަމަވެސް ގައުމު ބަނގުރޫޓުވެދާނެ ކަމަށް ނާޝިޒު ވިދާޅުވި ވާހަކައަށެވެ. އަދި ފައިސާ ޗާޕުކުރުމުން ނުކުމެދާނެ އަސަރުތަކުގެ ތެރޭގައި ދިވެހި ފައިސާގެ އަގު ދަށްވުމާއި ޑޮލަރަށް އޮންނަ ޕްރެޝަރު ބޮޑުވެ ތަކެތީގެ އަގު ބޮޑުވުން ހިމެނޭ ކަން ނާޝިޒް ވަނީ ފާހަގަ ކުރައްވާފައި ވުމުން މިއަދު ފައިސާ ޗާޕް ކުރުމަކީ ކަނޑައެޅިގެން ރައްޔިތުން ބަނޑަށް ޖެއްސުން ކަމަށް ޝިޔާމް ގަބޫލު ކުރައްވައެވެ.
ފައިސާ ޗާފުކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އިން މި މަހުގެ 16 ވަނަ ދުވަހު މަޖިލީހަށް ހުށައަޅައިގެން މަޖިލީހުން ވަނީ މުއްދަތު އިތުރުކޮށްދޭން ފާސްކޮށްފައެވެ. މިކަމާ ގުޅިގެން އިދިކޮޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.
ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން މަޖިލީހުން އޮތީ ފާސްކޮށްފައި ވާއިރު އޯވާޑްރޯ ކުރަނީ 0.1 ޕަސެންޓް އިންޓަރެސްޓުގައެވެ.