އަފްގާނިސްތާނުގައި ދައްކާ ޓީވީ ޑްރާމާތަކުގައި އަންހެނުން ބައިވެރިވުން އެގައުމުގައި މިހާރު ވެރިކަން ކުރަމުން ދާ ތާލިބާނުންގެ ސަރުކާރުން މަނާކޮށްފިއެވެ.
ތާލިބާނުންގެ ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ ޓީވީ ޗެނަލްތަކަށް ހާއްސަކޮށްގެން ނެރުނު އާ ގަވައިދުގައެވެ. މި ގަވައިދުގައި 8 ކަމެއް ފާހަގަ ކޮށްފައިވާ އިރު ތާލިބާނުން ވަނީ ޓީވީ މެދުވެރިކޮށް ދައްކާ ޑްރާމާތަކުގައި އަންހެނުން ބައިވެރިވުން މަނާކޮށްފައެވެ.
މީގެ އިތުރުން، ހަބަރާއި އެހެން ޕްރޮގްރާމްތައް ހުށަހަޅާ އަންހެން ރިޕޯޓަރުންނާއި ޕްރެޒެންޓަރުން ތިބެން ޖެހޭނީ ބޯ ފޮރުވައިގެން ކަމަށް ވެސް ތާލިބާނުން ވަނީ ބުނެފައެވެ.
ތާލިބާނުން ނެރުނު އާގަވައިދުގައި އިސްލާމީ ރީތި ސިފަ ތަކާއި އަފްގާނިސްތާނުގެ އާދަކާދަތާ ހިލާފު ފިލްމްތައް ޓީވީ މެދުވެރިކޮށް ދެއްކުން މަނާކުރެއެވެ. މީގެ އިތުރުން ދީނަށް ފުރައްސާރަކުރާ ކޮމެޑީ އަދިި މުނިފޫހިފިލުވުމުގެ ޝޯތައް ވެސް ތާލިބާނުން ވަނީ މަނާކޮށްފައެވެ.
އާ ގަވައިދުގެ ދަށުން ބޭރުގެ އާދަކާދަތަކާއި އުޅުން ޕްރޮމޯޓްކުރާ ބޭރުގެ ފިލްމްތައް ވެސް އަފްގާނިސްތާނުގައި ދެއްކުން މަނަލެވެ.
އަފްގާނިސްތާނުގެ ނޫސްވެރިން ތަމްސީލުކުރާ ޖަމާއަތަކުން ބުނީ ތާލިބާނުންގެ މި އާ ގަވައިދުތަކާ އެކު ލިބިގެން ދިޔައީ ސިހުމެއް ކަމަށެވެ. އަދި މި ގަވައިދުތަކަކީ ތަންފީޒުކުރަން ފަސޭހަވާނެ ގަވައިދުތަކެއް ނޫން ކަމަށާ މިކަމުގެ ސަބަބުން ބައެއް ޓީވީ ޗެނަލްތައް ބަންދުވެސް ކުރަން ޖެހިދާނެ ކަމަށެވެ.