ފައިސާ ޗާޕު ކުރާ މައްސަލައިގައި، ވެރިކަން ބަދަލުކުރުން ނޫން ގޮތެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު މިފަދައިން ވިދާޅުވެފައި ވަނީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ނުވަތަ ފައިސާ އިތުރަށް ޗާޕްކުރުމާ މެދު މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒް އަށް ރައްދުދެއްވައެވެ.

ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނާޝިޒް ވިދާޅުވީ މިއީ އިގްތިސާދަށް އޮތް ވަރަށް އެހެން ކަހަލަ ހާލަތެއް ކަމަށާއި އޮތީ ގައުމު ބަނގުރޫޓުވުން ނޫނީ ފައިސާ ޗާޕްކުރުން ކަމަށެވެ.

ތޯރިގު ވަނީ ދެރައީ ވާނޭ ކިޔާފައި ވެރިކަމާ ހަވާލުވާތީ ކަމަށާއި ކޮންމެ މަހެއް ނިމޭ ކޮޅު "ކަރުދާސް ރީމެއް ގަނެ ޕްރިންޓަށް ޖެއްސީމައި މުސާރަދެވޭނޭ" ކަމަށް ވިދާޅުވީމައި އެވީ ކަމަށެވެ. އޭނާ އެވާހަކަ އިޝާރާތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"ތިމަންނައަށްވެސް ވާނޭ ކިޔާފަ ވެރިކަމާއި ހަވާލުވާތީ ދެރައީ. ކޮންމެ މަހެއް ނިމޭ ކޮޅު ކަރުދާސް ރީމެއް ގަނެފަ ޕްރިންޓަށް ޖެއްސީމަ މުސާރަދެވޭނެ. ކިހާ ފަސޭހަ އިގްތިސާދު މެނޭޖް ކޮއްލަން"
ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު

މީ މައްސަލައިގައި ތޯރިގު އިތުރުން ވިދާޅުވީ މިކަމުގާއި އޮތް ހަމަ އެކަނި ހައްލަކީ ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރުން ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށެވެ.

ފައިސާ ޗާފުކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އިން މި މަހުގެ 16 ވަނަ ދުވަހު މަޖިލީހަށް ހުށައަޅައިގެން މަޖިލީހުން ވަނީ މުއްދަތު އިތުރުކޮށްދޭން ފާސްކޮށްފައެވެ. މިކަމާ ގުޅިގެން އިދިކޮޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.

ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން މަޖިލީހުން އޮތީ ފާސްކޮށްފައެވެ.