މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުވާ އުފުލޭ މީހާ އިޖުރާއަތު ގޯސްވެ ސަލާމަތްވުމަކީ "އިއްތިފާގެއް" ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރުގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީޕީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ކަންކަން ކަމަށާ ގަސްތުގައި އިޖުރާއަތާ ހިލާފަށް ނުވަތަ ގޯސްކޮށް ފުލުހުން އަމަލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަސްތުވާތަކެތި ފަދަ މައްސަލަތަކުގައި އިޖުރާއަތު ގޯސްވެގެން މީހުން ދޫވުމަކީ "އިއްތިފާގުން" ކަމަށެވެ.

"ދެން ވަރަށް ބޮޑު އިއްތިފާގެއް މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް ކަމެއް ގޯސްވެގެން އާންމުކޮށް ކަންކަން ހިންގާ ގޮތާއި ހިލާފަށް ކަމެއް މެދުވެރިވެގެން މީސްމީހުން ދޫވުން."
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގއ. ދާންދޫ، މިސްކިތްމަގު، އިބްރާހިމް މުހައްމަދުގެ ސައިކަލާއި އޭނާގެ ގެ ބަލާ ފާސްކޮށް ނެގި ތަކެތީގެ ލިސްޓު ފުލުހުން، އޭނާއަށް ނުދިނުމުން ޑައިމޯފިން ޓްރެފިކިންގެ ދައުވާ އިން އޭނާ ވަނީ ސަލާމަތްވެފައެވެ.

މީގެ އިތުރުން ރާއްޖެއަށް ކަނޑުމަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނު މައްސަލާގައި މި ދިޔަ އޮކްޓޯބަރު މަހުގެ 13 ދުވަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހުންގެ އިތުރުން އިތުރު 3 މީހަކު ވަނީ ދޫކޮށްލާފައެވެ. އެއީ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް، 26 އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު، 25 އާއި ހދ. ކުމުންދޫ، ޑިއާފްރެންޑު، އިބްރާހީމް ސިނާން، 24އެވެ.

މީގެކުރިންވެސް ވަނީ އިޖްރާއަތް ގޯސްވެގެން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރު ކުރި ގިނަ ބަޔަކު ސަލާމަތް ވެފައެވެ.