މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ޖަލަށް ބަދަލު ކުރަން އަދި ގޮތެއް ނުނިންމާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރުގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ކޮވިޑް 19 ގެ ބަލިމަޑުކަން މާފުށީ ޖަލުގައި ފެތުރުމުގެ ސަބަބުން ގެއަށް ބަދަލުކުރި 54 މީހުން ވެސް ކަރެކްޝަންސް އިން މޮނިޓާ ކުރަމުންދާ ކަމަށާއި ރައީސް ޔާމީން ހިމެނޭހެން އެއިން އެކަކު ވެސް އަލުން ޖަލަށް ބަދަލު ކުރަން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 28، 2019ގައެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގައި މިމަސް ތެރޭގައި ހުކުމް ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.