ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓެރެރިޒަމް ގަނޫނުގެ ދަށުން 48 މީހަކު ހިފައި ހައްޔަރު ކުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރުގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަހުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓެރެރިޒަމް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު އެގާނޫނުގެ ދަށުން ހައްޔަރު ވެފައި ވަނީ ސަރުކާރުން ޓެރަރިޒަމްގެ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތުން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ އެފަރާތްތައް ގާނޫނުގައި ބުނާ ގޮތެއްގެ މަތިން ބަންދުގައި ބޭތިއްބުމަށް އަދި އެފަދަ ފަރާތްތަށް ރިހިބިލިޓޭޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ އިތުރުން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި ގްރޫޕުތައް ހަދައި، ރައްޔިތުންނަށް ބިރުދެއްކުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.