ސްޓެވޯގެ ޖަނަރޭޓަރާއެކު ވ. ތިނަދޫ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށައިފިއެވެ.

ތިނަދޫގެ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށާފާވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އާ ޖަނަރޭޓަރަކާއެކުގައެވެ. ސްޓެލްކޯއިން ބުނީ އެ ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން ކޮމިޝަންކޮށް ބޭނުންކުރަން ފެށި ފުރަތަމަ ޖަނަރޭޓަރު ކަމަށާއި މިވަގުތު ތިނަދޫއަށް އެ ޖަނަރޭޓަރުން ހިދުމަތް ދެމުންގެންދާއިރު އެ އާ ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ 656kW ކަމަށާއި އެ ރަށު ސްޓެލްކޯގެ އާ އިންޖީނުގެ ބޭނުންކުރަން ފަށާފައިވާއިރު ތިނަދޫގެ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އާ އިންޖީނުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ ތިނަދޫ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އާ އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު ބާ އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލާނެ ކަމަށާއި ތިނަދޫގެ އާ އިންޖީނުގެ ބޭނުންކުރަން ފަށާފައިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހު ކަމަށެވެ. އަދި މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރަމުން ކަމަށާއި އެގޮތުން ތިނަދޫ އިންޖީނުގޭގައި 20kW ގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.