އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ހިންގާ އިމާރާތުގެ ހާލަތާމެދު ރާއްޖޭގެ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވަން ފެއްޓެވީމައި މިނިސްޓްރީން ބަސް ބުނެފިއެވެ.

އަރަބިއްޔާ ސުކޫލު އިމާރާތުގައި ބޮޑެތި ރެނދު އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަރަބިއްޔަ ސްކޫލުގެ އިމާރާތުގައި ރެނޑުލާފައި / ފޮޓޯ: ސޯޝަލް މީޑިއާ

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަރަބިއްޔާ އިމާރާތުގެ ކަންތައް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އިންޖިނިއަރުން ލައްވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.

އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި ވަގުތުން ވަގުތައް ކުރަން ޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެން ކަމަށާއި މިކަމަށް 2 މަސް ވަރު ނަގާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަރަބިއްޔަ ސްކޫލުގެ އިމާރާތުގައި ރެނޑުލާފައި / ފޮޓޯ: ސޯޝަލް މީޑިއާ

މިނިސްޓްރީން ބުނީ، މިހާރު މި މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށާއި މި އެސެސްމަންޓް ނިމޭހާ އަވަހަކަށް މަރާމާތުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސީދާ މިނިސްޓްރީން ބެލެނިވެރިންނާ ބައްދަލުކޮށް މިކަމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަރަބިއްޔަ ސްކޫލުގެ އިމާރާތުގައި ރެނޑުލާފައި / ފޮޓޯ: ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސުކޫލުގެ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރެނދު ލައިފައެވެ. މިގޮތުން އިމާރާތުގެ ގިނަ ތަނބު ތަކުގައި ރެނޑުލާފައި ވާއިރު ބައެއް ރެނޑުތައް ލާފައި ހުރި ތަންތަނަށް އަތްތިލަ އެއްކޮށް ވަންނަހާ ފުޅަލެވެ. މީގެ އިތުރުން ސުކޫލް އިމާރާތުގެ ބައެއް ތަންތަނުން ފެން ލީކުވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.