ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދަށް ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ތަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކުރި ވާހަކަ މަޖިލިސް އިދާރާއިން ދޮގުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމައި މަޖިލީހާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު، ވިދާޅުވީ މުރައިދޫގެ ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް އަދި ހަވާލުކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަދިނުމަށް ރައީސް ނިންމަވާފައި ވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަން މަޖިލީހުގެ ދެ ގާނޫނަކަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.