އަމިއްލަ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވުންނެވެ.

ރައީސް ވިދާޅުވީ، ދީނީ އިލްމާއި ޤުރްއާނުގެ އިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ ކަމަށާއި ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށް ވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށެވެ.

މިގޮތުން މިހާރު ވެސް އިތުރު ކަންތައްތަކެއް ކުރަމުން ދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އަންނަ އަހަރު ފެށިގެން އަންނައިރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކީރިތި ޤުރްއާނުގެ އިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް ނަމަވެސް، އެ އިލްމުތަކުގެ ބޭނުން ހިފޭ ތަން ނުފެން ކަމަށާއި ޤުރްއާން ޓީޗަރުންނާއި، ހާފިޡޒުންނާއި އިމާމުން އުފެއްދުމަށްވުރެ ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ ކަމަށް ރައީސް ވިދާޅުވިެއެވެ.

ރައީސް ވަނީ ޤުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.