ހއ. ކެލާގައި އެމްބިއުލާންސް ހަލާކުވެ 4 މަހާ ގާތްވެފައި ވާއިރު ބަލި މީހުން އުފުލުމުގައި ބޮޑެތި ތަކުލީފުތަކާ އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވީ އެރަށަށް 2008 ވަނަ އަހަރު ގެންދިޔަ އެމްބިއުލާންސް ހަލާކުވެގެން މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅު ގެންދިޔަ އެމްބިއުލާންސް ވެސް ވަނީ ހަލާކުވެފައި ކަމަށެވެ. އަދި އެ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 4 މަހާ ގާތްވެފައި ވާއިރު މި ދޭތެރެއަކުން މީހަކު އައިސް އެ ހެދި ކަމަށާއި އެއް ދަތުރުވެސް ނުކޮށް އުޅެނިކޮށް އަނެއްކާ އެ ހަލާކުވެއްޖެ ކަމަށެވެ.
އެމްބިއުލާންސް ހަލާކުވެ، ޕިކަޕުގައި ބަލިމީހުން އުފުލަމުން އަންނައިރު އިންފާޒު ވިދާޅުވީ މި މައްސަލަ ހައްލުކޮށްދިމުނަށް އެދި ހެލްތް މިނިސްޓްރީ އަށް މީގެ މަހެއްހާ ދުވަސް ކުރިން ސިޓީއެއް ފޮނުވި ކަމަށާއި އެހެންނަމަވެސް އަދި ޖަވާބު ލިބިފައި ނުވާ ކަމަށެވެ. އެމްބިއުލާންސްގެ ދަތިކަމާ ހުރެ ރައްޔިތުންގެ ގިނަ ޝަކުވާތައް ކައުންސިލާ ހިސާބަށް އަންނަ ކަމަށާއި ނަމަވެސް މި މައްސަލައިގައި އަދި އިހުތިޖާޖެއް ކޮށްފައިނުވާ ކަަމަށް އިންފާޒުގެ ވާހަކައިގާ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދުވަސްވަރަކީ ކެލާގައި ރޯގާ ފެތުރެމުންދާ ދުވަސް ވަރެއްކަން ފާހަގަ ކުރައްވާ އިންފާޒު އިތުރަށް ވިދާޅުވީ އެ ރަށުގެ އެސްޓީއޯ ބޭސްފިހާރައެއް ހުރި ނަމަވެސް އެތާނގައި އެންމެ އާދައިގެ ބޭސް ވެސް ލިބެން ނެތް ކަމަށެވެ. އެހެން ކަމުން އަސާސީ ބޭނުންތަކަށް ބޭނުންވާ ބޭސް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކޮށްދިނުމަށް އެދި ކައުންސިލުން އެސްޓީއޯއަށާއި ހެލްތް މިނިސްޓްރީއަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ލިޔެފައިވާ ކަމަށް ވެސް އިންފާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ވަރަށް އެމްބިއުލާންސް ގެނެސް ހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު އެމްބިއުލާންސް ހަލާކުވެގެން މީގެ ކުރިންވެސް މިފަދަ އެތަށް މައްސަލަތަކެއް އެކި ރަށްރަށުގައި ވަނީ ހިނގާފައެވެ. ވީލް ބަރޯ އާއި ޕިކަޕް ފަދަ އުޅަނދު ތަކުގައި ބައެއް ރަށްރަށުގައި ވަނީ ބަލިމީހުން އުފުލާފައެވެ.