ފައިސާ ހޯދުމަށްޓަކައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެއްލާލި ކަމަށް ބުނާ މައްސަލާގައި އޭނާ ރަހީނުކުރި ކަމަށް ބުނާ ވާހަކައާއި ޕާކަކަށް އެއްލާލި ވާހަކައަކީ ދޮގެއްކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކުރީ މާލެއިން ކަމަށް ނުބެލެވޭ ކަމަށާއި، މިކަން ހިނގާފައި ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅުން ހުރި ކަމެއްގެ ތެރެއިން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ދަ ޕްރެސް" އާއި އަދި ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ފަހީމްގެ އާއިލާ އިން ބުނެފައި ވަނީ، އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ކަމަށެވެ.

ފަހީމު ރަހީނުކޮށް އަނިޔާކޮށްފައި ވާއިރު ފައިސާ ނުލިބުމުން މިއަދު ހެނދުނު ހޭނައްތާލައިގެން އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފައިވާ ކަމަށް ވެސް އާއިލާއިން ނޫސްތަކަށް މައުލޫމާތު ދިނެވެ.

ފަހީމް ރަހީނު ކުރި ގުރޫޕުގައި ހަތް މީހުން ހިމެނޭ ކަމަށާއި އެ އެންމެން ވެސް ތިބީ މާސްކު އަޅާ މޫނު ނިވާކޮށްގެން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އޭނާގެ އާއިލާއިމް އިތުރަށް ބުނީ، ފަހީމް ދޫކޮށްލީ އޭނާގެ ފޯނު އަތުލުމަށް ފަހުގައި ކަމަށާއި، އެގްރޫޕުން އެކަން ކުރީ މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށް ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ.