މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މީނާ ހައްޔަރުކޮށްފައި ވަނީ ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން ކުރި ތަހުގީގީ މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ބަހައްޓާފައި ހުރި ތަން ދެނެގަނެ އަތަނަށް ވަދެފައި ވަނީ ފުލުހުން ބާރުގެ ބޭނުން ކޮށްގެން ކަމަށް ވެއެވެ. އަދި އެރޭ ދަންވަރު 02:29 އެހައިކަންހާއިރު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި، ސަލާމަތްކުރި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އިގްބާލް މިއާއެވެ. އަދި އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
