މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމުގައި ބައިވެރިވި ކަމަށް ސާބިތުވެ އެ މައްސަލައިގައި ހިމެނޭ 4 މީހުން ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ރަހީނުކޮށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްދީ، ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން އޭނާގެ ވައަތު ފައިގެ ކުޑަވައި އިނގިލީގެ ދެވަނަ ބަދައާ ހިސާބުން ބުރިކޮށްލި މައްސަލަ ފެންމަތިވީ 2024 ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 25 ވަނަ ދުވަހާ ހަމައަށް މާލޭގެ ދެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުޅުމުގެ އިތުރުން އެ މުއްދަތުގައި އޭނާގެ ނުރުހުމުގައި އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ، 25، އާއި ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދު، 18، އާއި ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނަހުޝާން ހުސެއިން، 21، ގެ އިތުރުން އެމްއެންޑީއެފްގެ ދެ މުވައްޒަފުން ކަމަށްވާ ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހް، 23، އަދި ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން، 24، އެވެ.

އެ މައްސަލައިގައި ހިމެނޭ މުހައްމަދު ނަފާހާއި އަހުމަދު ޒަޔާން އަކީ ސިފައިންގެ 2 މީހުންނެވެ.

މި މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއްދީ މާރާމާރީ ހިންގުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުނުކޮށްދިނުމުގެ ދައުވާގެ އިތުރުން މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. އެ ފަސް މީހުންގެ ތެރެއިން ނަފާހު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުލަތުން ޝަރީއަތުގައި ބުނެފައި ވަނީ އެ މީހާ ގޮނޑިއެއްގައި ބަނުމަށްފަހު އޭނާގެ ގައިގައި އަތުންނާއި ފައިން ތަޅާ އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ސާމީ އަންގައިގެން ސާއިފްގެ އަތުގައި އޮތް ޕައިޕް ކަޓަރަކުން އޭނާގެ ވައަތުގެ ކުޑަވާ އިނގިލި ބުރިކޮށްލާފައިވާ ކަމަށާއި އިނގިލި ބުރިކޮށްލުމުގައި އެހީތެރިވެފައި ވަނީ ނައުޝާން ކަމަށެވެ. އަދި އިނގިލި ބުރިކޮށްލުމަށްފަހު ބުރި ކޮށްލި އިނގިލީގައި ހޫނު ވަޅިއެއް ޖެއްސުމަށްފަހު އަނިޔާ ކުރި ކަމަށްވެސް ދައުލަތުން ޝަރީއަތުގައި ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ބެއްލެވި މި މައްސަލައިގައި ކަނޑައަޅާފައިވާ އަދަބުތަކަށް ބަލާއިރު، ސާއިފް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނައުޝާން އާއި ސާމީ 10 އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 7 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ޒަޔާން 3 މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއިރު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ވަނީ މިނިވަންވެފައެވެ.

މައްސަލައިގެ ދައުވާ ލިބޭ ނަފާހު ދައުވާ އަށް އިންކާރުކޮށްފައިވާއިރު އޭނާ އެކަން ކުރީ ކުށްކުރި ކަމުގެ ނިޔަތުގައިކަން ސާބިތުކޮށްދެވިފައި ނުވުމުން އޭނާގެ މައްޗަށް ގާޒީ ވަނީ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައެވެ.

ފުލުހުން އޭރު ބުނި ގޮތުގައި އަނިޔާ ލިބުނު މީހާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރާ ވައަތު ލޯ ދުޅަވެ ނޫފައިގަނެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތައް ފެންނަން ހުރި ކަމަށެވެ.