ކޮވިޑް-19އާ ގުޅިގެން މިހާރު މަރުތައް އިތުރުވަމުން އަންނަނީ ހަމައެކަނި ޔޫރަޕް ހިމެނޭ ސަރަހައްދުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
އެ ޖަމިއްޔާއިން އެންމެ ފަހުން ނެރެފައިވާ ހަފްތާގެ ރިޕޯޓުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާތަނަށް ކޮވިޑާ ގުޅިގެން އެތައް ބަޔަކު މަރުވެފައިވާ ކަމަށާ، ޔޫރަޕް ހިމެނޭ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ފާއިތުވި ހަފްތާގައި ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި އެއީ 'ސްޓޭބަލް' އަދަދުތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާގައި އަލަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ 3.3 މިލިއަން މީހުންގެ ތެރެއިން 2.1 މިލިއަން މީހުންނަށް ބަލި ޖެހިފައި ވަނީ ޔޫރަޕުންނެވެ.
ހުޅަނގު ޔޫރަޕްގެ 60 ޕަސެންޓަށް މީހުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވީ ނަމަވެސް މިއީ ޔޫރަޕުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަތާ ހަތްވަނަ ހަފްތާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކައެވެ.
އެ ޖަމިއްޔާއިން ބުނީ ފާއިތުވި ޖުލައި މަހުން ފެށިގެން މެދުއިރުމައްޗާއި އެފްރިކާ އަދި ދެކުނު އޭޝިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވާ ކަމަށެވެ.
ކޮވިޑް ޖެހިގެން މީހުން މަރުވި އަދަދު މަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ނޯވޭ އަދި ސްލޮވޭކިއާ ހިމެނެއެވެ. އެގޮތުން ނޯވޭގައި މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 67 ޕަސެންޓަށް އިތުރުވެފައި ވާއިރު ސްލޮވާކިއާގައި މި އަދަދު ވަނީ 38 ޕަސެންޓަށް މައްޗަށް ގޮސްފައެވެ.