އެމްއެންޑީއެފްގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް އަނިޔާތަކެއް ދީފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ބައިވެރިވި މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި، އެމްއެންޑީއެފްގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، ރަހީނު ކުރި އަނިޔާވެރި ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ އެފަދަ ފަރާތްތަކުން ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ކަމަށެވެ.

ސްޓާފް ސާޖަންޓް ހަސަން ފަހީމްއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލަތު ލީޑާޝިޕުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓާ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީއާ ގުޅުއްވާ ސްޓާފް ސާޖަންޓް ހަސަން ފަހީމްގެ ހާލު ބެއްލެވުމުގެ އިތުރުން، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ސްޓާފް ސާޖަންޓް ހަސަން ފަހީމްގެ އަންހެނުންނަށް ފޯނުން ގުޅުއްވާ، މިކަމުގައި ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ސީނިއާ ލީޑަޝިޕުން މިއަދު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ، ސްޓާފް ސާޖަންޓް ހަސަން ފަހީމްގެ ހާލު ބައްލަވާފައި ވާ ކަމަށެވެ.