އަބަދުހެން އިވޭއަޑަކަށް "ރަހީނު" ވެއްޖެއެވެ. މިކަހަލަ ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ފައިސާގެ ދަހިވެތިކަމެވެ. މާލޭގެ މަގުތަކުގެ އަމާންކަން ގެއްލި ނާމާން ވެއްޖެއެވެ. އެކަމުގެ ހެއްކަކަށް ރޭ ހިނގާދިޔަ ބިރުވެރި ރަހީނުގެ ހާދިސާ ފުދޭނެއެވެ. ރޭ އެންމެންޑީއެފްގެ ކޯސްޓްގާޑްގައި މަސައްކަތް ކުރާ ހަސަން ފަހީމް(37އ)، ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު އައިޖީއެމްއެޗް ކައިރިއަށް އެއްލާލައިފާ އޮތް ވާހަކައިގެ އަޑު އިވުމާއެކު އެ މީހާއަށް ކޮށްފައިވާ އަނިޔާއާއި އެކަމުން ސަލާމަތްވުމަށް އެ މީހާ ކުރި މަސައްކަތް ހިތަށް އަރުވާލެވޭނެއެވެ.

"ދަ ޕްރެސް" އަށް އެހާދިސާ ހިނގި ގޮތް ކިޔާދެމުން ފަހީމްގެ އާއިލާގެ މީހަކު ބުނީ ރޭ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ފަހީމް ހިނގާފައި ދަނިކޮށް ތިން މީހަކު އައިސް އޭނާ ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. އެކަމާ އަޅާ ނުލާ ކުރިއަށް ހިނގައި ގަތުމުން ފަހީމްގެ އަތުގައި އެމީހުން ހިފިއެވެ. އަދި ފަހީމް އޭނާގެ ގައިގާ އަތް ނުލާން ބުނުމުން އެމީހުން އޭނާގެ ކަރުގައި ހިފާ ލާރި ހޯދަން މަސައްކަތް ކުރި ކަމަށް އާއިލާ އިން ބުނެއެވެ.

ދެން ކުއްލިއަކަށް ފަހަތުން އައި މީހަކު އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ހޭނައްތާލި ކަމަށް އާއިލާއިން ބުނެއެވެ.

އެގޯޅިން އޭނާ ހިނގާފަ އަންނަނިކޮށް އަންނަނީ ތިން މީހުން، އެމީހުން އައިސް އޭނާ ހުއްޓުވަން މަސައްކަތް ކުރި، ދެން ތިމަންނަ އަޅެއް ނުލަމޯ ބުނީ، ދެން އަތުގަ ހިފީ، އަތުގަ ހިފީމަ ބުނީމޯ ގައިގަ އަތް ނުލާށޭ، ދެން ކަރުގަ ހިފީ، ރުފިޔާ ހޯދަން އެމީހުން ރިކުއެސްޓްކުރީ، ދެން ފަހަތުން މީހަކު ޖެހީ، ދެން ހޭނެތުނީ،
ފަހީމްގެ އާއިލާ

ފަހީމް ހޭނައްތާލުމަށް ފަހު އެމީހުން ފަހީމް ގެންދިޔައީ ރޫމަކަށެވެ. ފަހީމް ހޭނެތިފައި އޮތުމުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުނެއެވެ. އަދި އެމީހުން ފަހީމް ރަހީނުކުރީ މާސްކު އަޅައިގެން ކަމުން އެއީ ކޮން ބައެއް ކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

ރޫމަށް ގެންގޮސް ފަހީމު އަށް އަނިޔާކޮށް ލާރި ހޯދަން އެމީހުން މަސައްކަތް ކުރި ނަމަވެސް އެވަގުތު ފަހީމް އަތުގައި ވޮލެޓެއް ނެތެވެ. އޮތީ ފޯނު އެކަންޏެވެ. ދެން އެމީހުން ބޭނުންވީ ފައިސާ ޓްރާންސްފާ ކުރަން ކަމަށާއި ނަމަވެސް އެކަމަށް ފަހީމް އިންކާރުކޮށް، އެ ގޮތުގައި ފަހީމް ހިފެހެއްޓި ކަމަށް އާއިލާ އިން ބުނެއެވެ.

ރޫމަށް ގެންގޮސް ފަހީމުއަށް އަނިޔާކޮށް ރުފިޔާއަށް އެމީހުން ޑިމާންޑްކުރި، ފަހީމް އަތުގަ ފޯނު އޮތީ، ވޮލެޓެއް ނެތް، އެމީހުން ބޭނުންވީ ރުފިޔާ ޓްރާންސްފާ ކުރަން، އެކަމަށް އޭނާ ދޫނުކޮށް ހަމަ ހިފެހެއްޓީ، ދެން ފަތިސް ވަންދެން އަނިޔާ ކޮށްފަ، އިރު އެރީމަ ހޭނައްތާލާފަ ގެންގޮސް އައިޖީއެމްއެޗް ކައިރަށް ވައްޓާލީ.
ފަހީމް އާއިލާ

ފަހީމްގެ އާއިލާއިން ބުނިގޮތުގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ހެދި ޓެސްޓުތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ފަހީމް މޫނަށް ލިބިފައި ހުރި އަނިޔާ ފެންނަ ފޮޓޯއެއް / ފޮޓޯ: އާއިލާ

އަނިޔާކޮށްފަ ހުރީ، މޫނުމަތި ވެސް އެއްކޮށް ދުޅަވެފަ، ކާކު ކަން ނޭނގޭ ވަރަށް.
ފަހީމްގެ އާއިލާ

މިއީ ހަކުރު ބޯން، ލާރި ހޯދަން އުޅޭ ގުރޫޕަކުން ކުރި ކަމެއް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 09:55 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ދާދިފަހުން މާލޭގައި 3 މީހަކު ވެގެން މީހަކު ރަހީނު ކުރި މައްސަލައިގައިވެސް ހައްޔަރު ކުރި މީހުން ފުލުހުން ވަނީ ދޫކޮށްލާފައެވެ.