ޕާކިން ޒޯނެއްގައި އުޅަނދެއް ޕާކް ކޮށްފައި ބޭއްވޭނީ ގިނަވެގެން ހަފްތާއެއް ވަންދެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު ގެޒެޓު ކޮށްފައި ވާއިރު މި ގަވާއިދުގެ ދަށުން ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނު އޮންނަ ތަން ކަނޑައަޅާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން އެ ރަށެއްގައި ޕާކު ކުރުމަށް ކައުންސިލުން އެކަމަށް އެކުލަވައިލާ އުސޫލެއްގެ ދަށުން ކަމަށެވެ.
މިގޮތުން އެކުލަވައިލާ އުސޫލެއްގެ ދަށުން ފީއެއް ނަގާގޮތަށް ޕާކިން ޒޯނުތަކެއް ހާއްސަ ކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބެއެވެ. އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ބަންޑާރަ މަގުތަކުގައި ޕާކިން ޒޯނުތަކާއި ޕާކު ކުރުމަށް ނަގާ ފީ ކަނޑައަޅަން ވާނީ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކައުންސިލަކުން އެކުލަވާލާ އާންމުކުރާ އުސޫލެއްގެ ދަށުން ވެސް ކަމަށް ގަވައިދުގައި ބުނެއެވެ.
މި ގަވާއިދުގެ ދަށުން އެއްގަމު އުޅަނދު ޕާކުކުރުމަށް ކަނޑައަޅައިފައި ވާ ތަނެއްގައި މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ އުޅަނދުތައް އިސްތިސްނާ ވެގެންދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
މީގެ އިތުރުން ވަޔަލޭޝަން ސްޓިކާ ހަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު އޮތް ތަނުން ނަގަންވާނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެއެވެ.
އެ މުއްދަތުގެ ތެރޭގައި އެ އުޅަނދެއް ނުނަގައިފިނަމަ އެ އުޅަނދެއް ޓޯ ކުރުމަށްޓަކައި ފުރޮޅުގައި ތަޅު އެޅުވުމުގެ އިހުތިޔާރު ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ ފުލުހުންނަށް ލިބިގެންދާ ކަމަށް ގަވައިދުގައި ވެއެވެ.
ގައިދުގައި ބުނާގޮތުން އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވައިފައިވާ ތަޅަށް އެއްވެސް ގެއްލުމެއް އެއްވެސް ފަރާތަކުން ދިނުމަކީ މަނާ ކަމެކެވެ.