ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލު އުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ނެރުނު މާލިއްޔަތާބެހޭ ސާކިއުލާ އިން ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުން ދާ އުސޫލު ބަދަލުކޮށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

ސީއެސްސީއިން ބުނީ ޖަނަވަރީ 1، 2020 ގެ ފަހުން ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސާކިއުލާގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް އެ ސާކިއުލާގައިވާ ގޮތަށް އަމަލުކޮށް ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް އެ ކޮމިޝަނަށް ހުށަހެޅުމުގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމަނަންޖެހޭނެ ކަމަށެވެ.

ސީއެސްސީއިން އިތުރަށް ބުނީ އިއްޔެ އިން ފެށިގެން ހަވާލާދީފައިވާ މާލިއްޔަތާބެހޭ ސާކިއުލާގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަންނުޖެހޭނެ ކަމަށެވެ.