އެންމެ ހައި ރިސްކު މީހުންނަށް ޖަހަން ފަށާފައިވާ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، 5000 އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 113 ބޫސްޓާ ޑޯޒް ޖަހާފައިވާއިރު އަތޮޅު ތެރެއިން 78 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.
އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެ އޭޖެންސީން ބުނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށާއި، ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި ފަރާތްތަކަށް އެކަނި ކަމަށެވެ.
ބޫސްޓާ ޑޯޒް ޖަހަން ހަމަޖެހިފައިވާ މީހުން:
- ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
- 60 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމް ބަލިކަށި މީހުން
މި ޝަރުތުތައް ހަމަވާ މީހުންނަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން، އަދި ހެނދުނު 10:00 އިން މެންދުރު 02:00 އަށް އެޕޮއިންޓްމަންޓް އުސޫލުން ފައިޒާގެ ބޫސްޓާ ޑޯޒް ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި ވެއެވެ.
މިހާތަނަށް 395،195 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 361،391 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.