މާފަންނުގައި ހުންނަ މިފްކޯ މަސްފިހާރަ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ އެފިހާރައިން މިރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 7:55 ހާއިރު ކަމަށާއި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ނަމަވެސް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާކަން ބުނަން އަދި ދަތިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިފްކޯ މާފަންނު މަސްފިހާރަ ފަޅާލައި ވައްކަންކުރުމުގައި ބައިވެރިވި މީހެއް / ފޮޓޯ: ފިހާރައިގެ އޮފިޝަލެއް

މިފްކޯ ފިހާރައިގެ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ ފިހާރައިގެ ދޮރު ފަޅާލީ މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ދޮރު ކުރިމަތީ ސަތަރިއެއް އަޅާލައިގެން ކަމަށާއި، ވަގަށް ނަގާފައި ވަނީ މެންދުރުފަހު ހުރި ފައިސާ ކަމަށެވެ. "ދަ ޕްރެސް" އަށް ލިބިފައިވާ ސީސީޓީވީ ފްޓޭޖެއްގެ ސްކްރީންޝޮޓަކުން މިފްކޯ ފިހާރަ ދޮރުމަތީ ސަތަރި ދަމަން ހުންނަ މީހާ ފެނެއެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ކަމެއް ނުތަ ނުކުރާކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ.