އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މޫނޫ މަހާވަރުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުއްވުމަށް ފަހު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ސަފީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހާއްސަ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މިއަދަކީ ރައީސްގެ ވެރިކަމަށް ތިން އަހަރުވީ ދުވަސްކަމުން، އާ ސަފީރު ވަނީ ރައީސަށް މަރުހަބާ ދަންނަވައި، މި ސަރުކާރުގައި ރާއްޖޭން ހޯދި ކާމިޔާބީތަކަށް ތައުރީފު ކުރެއްވި ކަމަށެވެ. ވަކިން ހާއްސަކޮށް ކޮވިޑު ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކާއި އިގްތިސޯދު ކުރިއެރުވުމަށް ކުރި މަސައްކަތްތައް ސަފީރު ފާހަގަކުރެއްވި ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި ދެ ގައުމަށް ފައިދާހުރި އެހެނިހެން ކަންތައްތަކުގައި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

  • އިޖުތިމާއީ، އިގްތިސޯދީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުން
  • ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުން
  • މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން

އެންމެ ފަހުން އޮމާނަށް ކަނޑައެޅުއްވި ސަފީރެއްގެ ގޮތުގައި ހުންނެވި މޫނޫ މަހާވަރު ރާއްޖެއަށް އިންޑިއާއިން ކަނޑައެޅި ސަފީރެއްގެ ގޮތުގައި އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ސަފީރު ސަންޖޭ ސުދީރު ޔޫއޭއީއަށް އިންޑިއާއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ނިންމުމުންނެވެ.