ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖަރުމަނުވިލާތުން ވިސްނަން ފަށައިފިއެވެ.
ޖަރުމަނުން މިފަދަ ފިޔަވަޅެއް އެޅުމަށް ވިސްނަން ފެށީ އަވަށްޓެރި އޮސްޓްރިއާގައި ވެކްސިން ނުޖަހާ ފަރާތްތައް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޖަރުމަނުގައި އަލަށް އެކުލަވާލާ އިއްތިހާދު ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިކަމާ ގުޅޭ ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން، ޖަރުމަނުގައި ވެކްސިން ނުޖަހާ ފަރާތްތަކަށް އިތުރު ފިޔަވަޅުތައް އަޅަން ހިމަނާފައިވާ އިރު މީގެ ތެރޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ބޭނުން ކުރުމުގެ ހުރަސްތައް ހިމެނެއެވެ.
ސިޔާސީ ޕާޓީތަކުން ހުށަހަޅާފައި ވަނީ ޖަރުމަނުގައި ބަސް ނުވަތަ ޓްރެއިންގެ ހިދުމަތް ހޯދުމުގެ ކުރިން ވެކްސިން ޖެހިކަން ކަށަވަރުކޮށް ދޭން ނުވަތަ ކޮވިޑަށް ނެގެޓިވްކަން ޔަގީންވާ ޓެސްޓް ނަތީޖާއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން އެގައުމުން މަސައްކަތް ކުރަމުން ދަނީ ވެކްސިން ނުޖަހާ ފަރާތްތައް ލޮކްޑައުން ކުރުމަށް ކަމަށް ވެސް ޖަރުމަނުގެ ސިޔާސީ ޕާޓީތަކުން ބުނެއެވެ.
ކޮވިޑް ވެކްސިން ނުޖަހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ޖަރުމަނުން ވިސްނަމުން ދަނީ އެގައުމުގައި އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40،000 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.
ޖަރުމަނުގެ ބިޔަ އާބާދީއިން ކޮވިޑް ވެކްސިން ފުރިހަމަ ކުރީ ދެ ބައިކުޅަ ތިން ބައި މީހުންނެވެ. އެހެން ކަމުން ޖަރުމަނު ވެފައި ވަނީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވެކްސިން އެންމެ މަދުން ޖެހި މީހުން އުޅޭ އެއް ގައުމަށެވެ.