ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ކުންފުނި ފާހަގަކޮށް އަމިއްލަ ފަރާތަކުން ދޭ "ގޯލްޑް 100 ގާލާ" އެވޯޑް އެމްޑަބްލިޔުއެސްސީއަށް ލިބިއްޖެއެވެ.
މި އެވޯޑް ހަވާލު ކޮށްފައި ވަނީ "ގޯލްޑް 100 ގާލާ" ގެ ނަމުގައި ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމްކޮށް ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ. މިއީ "ގޯލްޑް 100" އެވޯޑް އެމްޑަބްލިޔުއެސްސީއަށް ލިބިގެން ދިޔަ 5 ވަނަ ފަހަރެވެ.
"ގޯލްޑް 100" އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ވަނަތަކަށް ހޮވުމުގެ ބަދަލުގައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތައް ދެނެގަތުމަށް ފަހު، އެ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި އެވޯޑަށް ވިޔަފާރީގެ އެކި އިރާތަކުން ކުންފުނިތައް ހޮވަނީ އެކަމަށް އެކުލަވާލާފައިވާ ހާއްސަ ކޮމެޓީއަކުން ބެލުމަށް ފަހުއެވެ.
ކުންފުނިތަކަށް މި އެވޯޑު ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާއި ގުޅޭ ދާއިރާއިން ތައާރަފު ކުރި މިންވަރާއި އިޖުތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވާ މިންވަރު ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީއަށް "ގޯލްޑް 100" އެވޯޑް މިއަހަރު ލިބިގެން ގޮސްފައި ވާއިރު، އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ފެނާއި ނަރުދަމާ އާއި ގުޅުންހުރި ހިދުމަތް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މީގެ އިތުރުން، ފެން ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރއޯ ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް އުފެއްދުމުގެ ގާބިލްކަން ވެސް ހޯދާފައިވާ ކުންފުންޏެކެވެ.
ރޭ ބޭއްވި ގޯލް 100 އެވޯޑް ހަފްލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިނާއި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.