ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެންނެވުމުގެ ގޮތުން ތައްޔާރުކުރާ "ބަރުލަމާނީ ޕެޓިޝަން" އަށް ލައްކައަކަށް ވުރެ ގިނަ ސޮއި ލިބިއްޖެ ކަމަށް އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނިޝާން ވިދާޅުވީ، މިހާތަނަށް އެ ޕެޓިޝަނަށް ޖުމްލަ 109،825 ސޮއި ލިބިފައިވާ ކަމަށާއި، ނަމަވެސް ތަކުރާރު ވެފައިވާ ސޮއިތައް ނުލާ 109،742 ސޮއި މިހާތަނަށް ލިބިފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް ނިޝާން ވިދާޅުވީ، ޕެޓިޝަނުގެ އަމާޒަށް މިހާރު ވަނީ ވާސިލު ވެވިފައި ކަމަށާއި، މިހާރު އަމާޒަކީ ހުރިހާ ރަށްރަށަށް ގޮސް، ރާއްޖޭގެ ވޯޓުލުމުގެ އާބާދީ ކަމަށްވާ 280،000 މީހުންގެ ތެރެއިން 51 ޕަސެންޓު މީހުންގެ ސޮއި ހޯދައި، ރައީސަށް ޕެޓިޝަން ހުށަހެޅުން ކަމަށެވެ.

"އެހެންވީމަ މިހާރު މި ގަސްތު ކުރަނީ ލިބެން ހުރި މެކްސިމަމް އަށް ދާން ." ނިޝާން ވިދާޅުވިއެވެ.

މި ޕެޓިޝަނަށް އޮތް ތަރުހީބު ބޮޑުކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، މިހާރުވެސް ބައެއް ރަށްރަށުގެ ރައްޔިތުން ޕެޓިޝަނުގައި ސޮއިކުރުމަށް އެދެމުން ދާ ކަމަށާއި، އެހެންކަމުން ރަށްރަށަށް ގޮސް ހުރިހާ ގެއަކުންވެސް ސޮއި ހޯދުމަށްޓަކައި ޕެޓިޝަންގެ ޓީމުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި މިހާރު މިދާ ރޭޓުން އަވަސް ތާރީހެއްގައި ޕެޓިޝަންގެ ކަންތައްތައް ނިންމަވާލެވޭނެ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސަށް ބާރު އަޅަން އެމްޑީޕީގެ އާންމު މެންބަރުންތަކެއް މިދިޔަ އޮގަސްޓު 21 ގައި ޕެޓިޝަނެއް އެކުލަވާލައި ސޮއި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

މީގެ އިތުރުން، ނަޝީދު ވަނީ، ސަރުކާރު އުވާލުމަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް އަރިހު މެސެޖަކުން ވިދާޅުވެފައެވެ. ރައީސަށް ފޮނުއްވި އެ މެސެޖުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަމަށް ތަކުރާރު ކުރައްވައި، ނަޝީދު ވަނީ 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެދިވަޑައިގެންފައެވެ.