އާންމު ތަންތަނުގައި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމަކީ ޖިނާއީ ކުށަކަށް ވާ ހާލަތު ތަފްސީލްކޮށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސަައިން ހުށަހެޅުއްވި ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމެވެ.
އެ ބިލް ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު އޮތީ ފޮނުވައިފައެވެ.
ކޮމިޓީން ބިލަށް ގެނައި އެއް ބަދަލަކީ އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެ ކަން ބަޔާން ކުރާ މާއްދާއެއް ބިލަށް އިތުރު ކުރުމެވެ. މި ގޮތުން ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައި ވެއެވެ.
މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައި ވެއެވެ.
އޭގެ ފުރަތަމަ ހާލަތަކީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލަައެއްގައި އޭގެ ތެރެއިން އަހުލުއް ސުންނާ ވަލް ޖަމާއާގެ މުއުތަބަރު ރައުޔަކާ ހިލާފު ނުވާ ގޮތަށް ދައްކާ ވާހަަކައަކާ ގުޅުވާ ތުހުމަތު ކުރާ ހާލަތެވެ. އެ ހާލަތުގައި އެމީހާ ދެއްކި ވާހަކަޔާ ގުޅުވާ އޭނާއަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްްމު ތަނެއްގައި ސިފަކުރުމަކީ ކުށެކެވެ.
ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު ކާފަރެއް ނުވަތަ މުރުތައްދެއްގެ ގޮތުގައި ސިފަކުރާ ހާލަތެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަހުން އަނެއްކާވެސް އަނބުރާ ކޮމެޓީއަށް ފޮނުވާލީ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެބިލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަަނީ އަލުން އިސްލާހުތަކެއް ވެސް ފޮނުވާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.