ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައެޅުމުން، ބޭސް މާ ބޮޑު އަގުގައި ވިއްކާ ނަމަ ޖޫރިމަނާ ކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން އެގޮތަށް ނިންމީ އަންނަ ޖެނުއަރީ މަހުން ފެށިގެން އެމްއާރުޕީ ތަންޒީރު ކުރާނެކަން އިއުލާން ކުރުމަށް ފަހުއެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން އަސާސީ ބޭހަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް ފައިދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ރޭ ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން އެމްއާރުޕީ ތަންފީޒު ކުރަން ފެށުމަށް ފަހު، އެ ގަވާއިދާ ހިލާފަށް ބޭސް ވިއްކާނަމަ އެ ތަނެއް އެންމެ ފުރަތަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރު ވެއްޖެ ނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެވެ.

މީގެ އިތުރުން، ދެންވެސް ކުށް ތަކުރާރު ކުރާ ނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ވެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފެށުމުން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރުޕީ، ހިދުމަތް ހޯދަން ދާ މީހުންނަށް ފެންނަން ހުންނަން ޖެހޭނެއެވެ. އެގޮތަށް ފެންނަން ނުހުންނަ ނަމަ އެ ފަދަ ތަންތަނާ މެދުވެސް ފިޔަވަޅު އެޅޭނެއެވެ.

އެގޮތުން، ކަނޑައެޅިފައިވާ އެމްއާރުޕީ ނުފެންނަ ގޮތަށް ހުންނަ ފާމަސީތައް ނުވަތަ ތަންތަން އެންމެ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ތިން ފަހަރަށް ވުރެ ގިނައިން މިކަންތައް ތަކުރާރު ވާނަމަ 50،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.