ފައިސާ ޗާޕު ކުރުން ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އޯވާޑްރޯ ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ވެކްސިނާ އެކު ކޮވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލް ވުމަށް އުއްމީދީ ނިޝާންތަކެއް ފެނި، ބޯޑަރު ހުޅުވާލުމުން ރާއްޖޭގެ އިގްތިސޯދާއި ފަތުރުވެރިކަމުގެ ދުވެލި ބާރުވި ނަމަވެސް މިހާތަނަށް ވެސް ދުނިޔެއަށް ބަލިމަޑުކަމުން އަރައިނުގަނެވި އޮތުމުން އިގްތިސޯދީ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ކުރު މުއްދަތަތެއްގައި ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކުރި އަދަދު ދެއްކުމަކީ ކޭޝްފްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒު ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އެ ސިޓީގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ދީފައިވާ ހުއްދަ، އޭޕްރީލް 26، 2022 އިން ފެށިގެން އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް ދިނުމަށް މިނިސްޓަރު އަމީރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ.

ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން އެދުމުން މަޖިލީހުން ވަނީ އެކަން ކޮށްދީފައެވެ.