މިއަދު ރާއްޖެ މިއޮތީ ދިވެހި އެކައުންޓަންޓުންނާއި އޮޑިޓަރުން އުފައްދާ ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ހާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް އިފްތިތާހު ކުރުމަށް ކްރޮސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓާގެ މާލީ ކަންކަމާއި ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން އެކައުންޓިން ޕްރޮފެޝަން ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ހާއްސަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ގާބިލުކަން އިތުރު ކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވާ ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓަންޓުންގެ ގާނޫނުގެ ނަމުގައި މިދިޔަ އަހަރު ގާނޫނެއް ހަދާ އަމަލުކުރަން ފަށާފައި ވަނީ ވެސް އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ މީހުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކައުންޓިން ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. އަދި މި ދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ދެފުށް ފެންނަ މިންވަރު އިތުރުވެ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި ނަޒާހަތްތެރި ކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެން ދާނެ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

ރައީސް ވަނީ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ ފަންނީ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އަވަސް މަސައްކަތްތަކެއް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެކައުންޓެންސީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓަންޓުންގެ ފަންނީ އަދި އަހުލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފައެވެ.