އިންޑިއާ އާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާކަން ހާމަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އިންޑިއާ އާއެކު މި ސަރުކާރުން ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުން ވާ ފަދަ އެތައް ކަމެއް ހިނގަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއްބަސްވުންތައް ހާމަކުރުމަށް ކެނޑިނޭޅި ގޮވާލަމުންދާ ކަމަށެވެ.

އެހެންނަމަވެސް އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތު ހުރިކަމަށް ބުނެ ސިއްރުކޮށްގެން އެތައް ދުވަހެއް ވަންދެން ބޭއްވުމަށް ފަހު ރައްޔިތުންގެ ޕްރެޝަރާއެކު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާއި އެ އެއްބަސްވުންތައް ހިއްސާކޮށްފައިވާ ކަން އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ، ހިއްސާކޮށްފައިވާ އެއްބަސްވުންތަކުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާނެ އެތައް ކަމެއް ހުރިކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށާއި އެއްބަސްވުން ހާމަކުރަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކުގައި އިންޑިއާ ސަރުކާރުގެ ޑޯނިއާ މަތިންދާ ބޯޓާއި 2 ހެލިކޮޕްޓަރު ދުއްވުމުގައި އިންޑިއާގެ 75 ސިފައިން މިގައުމުގައި ތިބި ކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިކަން ކަށަވަރުވާ ކަމަށާއި އެހެން ނަމަވެސް އެއީ ކިހާ އަދަދެއްގެ ސިފައިންކަން ހާމަނުކޮށް ތަފާތު ވާހަކަތަކާއެކު، އެއަދަދުތައް ސަރުކާރުގެ ފަރާތުން ސިއްރުކުރަމުން ގެންދާކަން ހާމަވާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، ފްލައިޓުތަކާއި ހެލިކޮޕްޓަރު ދުއްވުމުގެ ފަންނީ ތަމްރީނުތައް ލިބިފައި ތިބި ކޮލިފައިޑް ދިވެހި ޕައިލެޓުން ސިފައިންގޭގައި ތިއްބި ނަމަވެސް އެމީހުންގެ ބޭނުން ނުކުރާ ކަމަށާއި އަދި އެމީހުންނަށް މުސާރަ ދޭނެ ފައިސާ ސަރުކާރުގެ ބަޖެޓުގައި ވެސް ނެތްކަމަށް ވިދާޅުވެ ދިވެހި ސިފައިންގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމަމިއާއެކު ރާއްޖޭގައި ތިބި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ދީފައިވާކަން ވެސް އޮތީ ފާޅުކަން ބޮޑުކޮށް ފެންނާން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އިންޑިއާ ސަރުކާރާއެކު ހެދިފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުން ވެސް ރާއްޖޭގެ ކަނޑުގެ ޗާޓު ބޭރު ގައުމަކަށް ވިއްކާލާފައި ވާކަން ވަރަށް ސާފުކޮށް ފެންނާން އޮތްކަން ފާހަގަކޮށް، ރާއްޖޭގެ ސްޓްރެޓީޖިކް މައުލޫމާތުތައް ވިއްކައިގެން ނަފާ ހޯދުމުގެ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ދިވެހުރާއްޖޭގެ ސަރަހައްދުގައިވާ އެންމެހާ ތަކެއްޗަށް ދިވެހިރައްޔިތުން އަމިއްލައަށް ބަސްބުނެ ގޮތް ނިންމުމުގެ ބާރު އެއްކޮށް ދިވެހީންނަށް ގެއްލިފައިވާކަން ހާމަވަމުންދާ ކަމަށް އިދިކޮޅުން ބުނެއެވެ.

މިނިވަން ގައުމެއްގެ ގޮތުގައި އަމިއްލަ ސަރަހައްދަށް އަމިއްލަ ބާރު ގެއްލި ބަސްބުނުމުގެ ފުރުޞަތުވެސް އެއްކޮށް ގެއްލުވާލައި ނާޖާއިޒު ފައިދާތައް ނަގަމުން ގެންދާއިރު، އެކަމަށް ޖަވާބުދާރީ ވާނެ އެއްވެސް ފަރާތެއް ދިވެހި ސަރުކާރުގައި ނެތްކަން ވެސް ފާހަގަކުރެވެއެވެ. ދިވެހި ރައްޔިތުން ސަރުކާރާއި ވެރިކަން ހަވާލުކޮށްފައިވަނީ އެއްވެސް ހާލެއްގައި ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލުވާލާ، ބޭރު ބައެއްގެ ފައިބުޑަށް ވެއްޓި ސަލާންޖަހާ ހިސާބަށް މިގައުމު ގެންދާކަށް ނޫނެވެ.
އިދިކޮޅު

އެހެން ނަމަވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބެ ގައުމު ތަރައްގީ ކުރަމުންދާ ކަމަށާއި ފެންނަމުންދާ މަންޒަރަކީ، ގައުމު ތަރައްގީ ކުރުމުގެ ބަދަލުގައި ގައުމުގެ ހަރުމުދާ ވިއްކާ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެހެން ބައެއްގެ އަތްދަށަށް ފުރޮޅާލާ ތަން ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، އެއްބަސްވުންތަކުން މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތައް ވެސް ހާމަވެފައިވަނީ މިހާތަނަށް ދިވެހިރައްޔިތުންނާއި ގުޅިގެން އެކޯލިޝަނުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރުތަކާ ހެދިކަމަށް ވާތީ އެއީވެސް ދިވެހި ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރާ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ދިވެހީން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށާއި އެ މަސައްކަތަށް އަވަސް ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދުތައް އިތުރުވެފައިވާކަން އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ.