ކޮވިޑްގެ ވަރުގަދަ ރާޅަކާ ކުރިމަތިލަމުން އަންނަ އޮސްޓްރިއާގައި މި ބައްޔާ ދެކޮޅަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުން ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އޮސްޓްރިއާގެ ޗާންސެލާ އެލެގްޒެންޑާ ޝެކްލާންބާގް ވިދާޅުވީ، މިއީ އަޅަން އުނދަގޫ ފިޔަވަޅެއް ނަމަވެސް މިވަގުތު މިއީ އަޅަން މަޖްބޫރު ފިޔަވަޅެއް ކަމަށެވެ.

ސަރުކާރުގެ މިނިންމުމުގެ ސަބަބުން އޮސްޓްރިއާގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ 2 މިލިއަން މީހުން ލޮކްޑައުން ވާނެއެވެ. އޮސްޓްރިއާގެ ސަރުކާރުން ބުނީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ގެއިން ބޭރަށް ނިކުމެވޭނީ ހަމައެކަނި ޒަރޫރީ ކަންކަމަށް ކަމަށާ މީގެ ތެރޭގައި ކާބޯތަކެތި ހޯދަން އަދި ވަޒީފާ އަދާކުރުން ހިމެނޭ ކަމަށެވެ.

އޮސްޓްރިއާގެ އާބާދީގެ 65 ޕަސެންޓް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އިރު އެގައުމަކީ ހުޅަނގު ޔޫރަޕްގައި އެންމެ މަދުން ވެކްސިން ފުރިހަމަ ކުރި މީހުން އުޅޭ ގައުމެވެ.

އެގައުމުގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި އެގައުމުގެ ކޮންމެ 100،000 މިހުންގެ ތެރެއިން 800 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ.