ގައުމީ ސަލާމަތަށް ނުރައްކާ ވާނަމަ މިސްކިތްތައް ބަންދު ކުރަން އަމުރު ނެރޭނެ ކަމުގެ އިންޒާރު، އޮސްޓްރިއާގެ ސަރުކާރުން ދީފިއެވެ.

އޮސްޓްރިއާއިން މިފަދަ އިންޒާރެއް ދީފައި ވާއިރު، އޮސްޓްރިއާގެ ފުލުހުން ވަނީ "ހަރުކަށިފިކުރުގެ" މީހުންނަށް ނިސްބަތްވާ 60 އަށް ވުރެ ގިނަ ތަން ބަލާ، ފާސްކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސިޔާސީ މަގުސަދުތަކަކަށް އިސްލާމް ދީން "ބޭނުން ކުރަމުން" އަންނަ ކަމުގެ ތުހުމަތު ފެންމަތިކޮށް، އެފަދަ ތަންތަން ހޯދުމުގެ ނަމުގައި އޮސްޓްރިއާގެ ސަރުކާރުން ކެމްޕޭނެއް، އޮސްޓްރިއާ ސަރުކާރުން ވަނީ ފަށާފައެވެ.

އެގޮތުން އޮސްޓްރިއާ ސަރުކާރުން ވަނީ އިސްލާމީ ފިކުރުގެ ޖަމިއްޔާތަކުން ހިންގާ އިލްމީ މުއައްސަސާތަކާ، އިޖުތިމާއީ މުއައްސަސާތައް ހޯދާ، ދަފުތަރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން އޮސްޓްރިއާގެ ވަޒީރުންގެ މަޖިލީހުން ވަނީ، ޓެރަރިޒަމްގެ ތުހުމަތު އަމާޒުވާ ވަކިވަކި ފަރުދުން، އުމުރު ދުވަހަށް ޖަލު ބަންދު ކުރުމަށް ބާރުދޭ ހުށަހެޅުންތަކަށްވެސް ތާއީދު ކޮށްފައެވެ. އަދި ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް، ދީނުގެ ނަމުގައި "ހައްދު ފަހަނަ އަޅާ" ދިއުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށާ، ޓެރަރިޒަމް ކުށުގައި ހުކުމް ތަންފީޒު ކުރުމަށް ފަހު ދޫކޮށްލާ މީހުން އިލެކްޓްރޯނިކް ސާވޭލަންސް އުސޫލުން މޮނިޓާ ކުރުމަށްވެސް އޮސްޓްރިއާގެ ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

އޮސްޓްރިއާއިން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ކެމްޕޭނެއް ލޯންޗް ކޮށްފައި މިވަނީ، ފަރަންސޭސިވިލާތުންވެސް މިފަދަ ހަރުކަށި އުސޫލުތަކެއް ތަންފީޒު ކުރަމުން ދާ ދަނޑިވަޅެއްގައެވެ.